ފެނާއި ނަރުދަމާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ 1 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ހުށަހަޅައިފިއެވެ.
ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބިލުގެ އިބްތިދާއީ ބަހުސް ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ބިލު ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު އެވެ.
އެ ބިލް ހުށަހަޅުއްވަމުން މެމްބަރު ލަތީފް ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށް ހިންގޭ އިންތިޒާމުތައް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު)ގައި ކަނޑައަޅާފައިވާ 5 އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުމަށް ކަމަށެވެ. އަދި އެ ނޫނަސް ޤާނޫނު ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކާ އެ ޤާނޫނަށް އިސްލާހު ގެނައުމަކީ ބިލުގެ މަޤްސަދެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ބިލުގައި ހިމެނޭ މުހިންމު އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ސ)ގެ ފަހަތަށް ދެ އަކުރު އިތުރުކުރުން ހިމެނެއެވެ. އެއީ ބިމުގެ ފަށަލަ ތަޢައްޔަރުވާ ފަދަ އަމަލެއް ކޮށްފި ނަމަ 1 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާ، އެ ޤާނޫނުގައި މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ ވަކި އަދަބެއް ބަޔާންކޮށްފައި ނެތް ކުށްތައް ކުރާ މީހުން، 5000 ރުފިޔާ އާއި 1 ލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ 1 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ވެސް ވަނީ ހިމަނާފައެވެ.
އެ ބިލުގެ 62 ވަނަ މާއްދާގެ ފަހަތަށް (ޗ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް ބިލުގައި ހިމަނާފައިވެއެވެ. އެ އަކުރުގައި ބުނެފައި ވަނީ، އެ ޤާނޫނުގައި ފެނާއި ނަރުދަމާގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަަމަށް ބުނެފައި ވަނީ، އެ ނިޒާމްގެ ބައިތައް ފަރުމާކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އޭގެ ބައެއް ފަރުުމާ ކުރުމާއި، އޭގެ ބައިތައް ބޭނުން ކުރުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ކަމާއި ގުޅޭ ޚިދުމަތެއް ދިނުމަށް ނުވަތަ ނިޒާމް ބޭނުން ކުރުން ކަމަށެވެ.
އެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ގެނައުން ހިމެނެއެވެ. އެ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027ގެ ނިޔަލަށް ޤާއިމްކޮށް ހިންގޭނެ އިންތިޒާމްތައް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ހަމަޖެއްސުމަށެވެ.
މީގެ އިތުރުން އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ފ)، (ޏ) އުނިކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.
ހަމައެހެންމެ އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ގ) އިސްލާހުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅޭގޮތުން ކައުންސިލްތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި ކައުންސިލްތަކުގެ ޤާބިލްކަން އިތުރުކުރުމަށް ޤައުމީ ފެންވަރެއްގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް، އެ މާއްދާގެ (ގ)ގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.