Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 12:13
އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އއ.ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވާހަކަދައްކަވަނީ
އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އއ.ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ތަރައްގީގެ މަޝްރޫއު
ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް
ކުރީ ސަރުކާރުގައި އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ
މި ސަރުކާރުގައި އަހަރެއް ވެގެންދިޔައިރު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކޮށްފައިނުވޭ
ފެނާއިނަރުދަމާގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އއ.ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

ކުރީ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކައުންސިލްގެ ބައިވެރިވުމާއެކު ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް މަޝްވަރާގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު ގާތްގަނޑަކަށް އެއްއަހަރު ފާއިތުވެގެންދިޔައީ ތަރައްގީގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުކޮށް ކަމަށް ސުޖާއު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސުޖާއު ވިދާޅުވީ ކުރީ ސަރުކާރުގައި އެމަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިސަރުކާރުގައި އެމަޝްރޫއު ހުއްޓިފައިވާ ކަމަށެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށާއި، މި ޚިދުމަތަށް ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަރުދަމާގެ މައްސަލަ ދިމާވެ، މިހާރު ރައްޔިތުން ދިރިއުޅުމުން ދަނީ ވަރަށް ތަކުލީފުގައި ކަމަށެވެ.

ބޮޑުފުޅަދޫގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ނިމިދިޔަ ސަރުކާރުގައި ހިނގާގެން މިދިޔައީ. ގާތްގަނޑަކަށް 2 ދުވަހެއްހާ ކުރިން ރައީސް ސާލިހަށް ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އައްޑަނައެއް އެރުއްވީ ހަމައެކަމާ ގުޅިގެން. އަޅުގަނޑުމެންނަށް އެއީ ވަރަށް ރަސްމީ ހަފްލާއެއް. މީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކައުންސިލްތަކާ ވަރަށް ގުޅިގެން ކައުންސިލްގެ މަޝްވަރާއާއި ހިޔާލު ހޯދައިގެން ރަށަށް ބޭނުންވަނީ ކޮންކަމެއްތޯ ބައްލަވައިގެން އެމަސައްކަތްތައް ކޮށްދެއްވިތަން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން ތިބީ ވަރަށް އުފަލުގައި. ވަރަށް ހިތްހަމަޖެހިގެން ތިބީ. އެއީ ތަކުލީފުތަކަށް ހައްލު އަންނަމުން އައީ. އައިސް ދެން ސަރުކާރު ބަދަލުވި ހިސާބުން ގާތްގަނޑަކަށް އަހަރެއްވަރު މިދިޔައީ ގާތްގަނޑަކަށް މަޝްރޫއުތައް މެދުކެނޑިގެން. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް މިއޮތީ 80 ޕަސެންޓު ނިމިދިޔަ ސަރުކާރުގައި ނިމިފައި. މިމަސައްކަތް ހުއްޓުނު ގޮތަށް ހަމަ އަދި ފެށޭގޮތެއް ނުވޭ. ރައްޔިތުން ހަމަ ވަރަށް ތަކުލީފުގައި މިއުޅެނީ ނަރުދަމާގެ މައްސަލާގައި.

އއ.ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް

އޯގަސްޓު މަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ސުޖާއު ވިދާޅުވީ ބިން ހިއްކި ސަރަހައްދުގެ ރިވެޓްމަންޓު ޖެހުމުގެ މަޝްރޫއު ފައްޓަވައިދެއްވި ކަމަށާއި، މިހާރު މިމަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މަޝްރޫއު ނުހުއްޓި ކުރިއަށްދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް