މި ސަރުކާރުގެ ޕްލޭން ބަދަލުވަނީ ހިންދީ ލަވައެއްގައި ހެދުން ބަދަލުކުރާހެން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި، ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރުގައި ހަމަޖެހޭ ސިޔާސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ބަންކަރިން އާއި އެ ނޫން ސިޔާސަތުތައް އިއުލާން ކުރި ނަމަވެސް އެފަދަ ސިޔާސަތުތަކަކީ ކައިރި ކައިރީގައި ބަދަލުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.
"މީގެ އަހަރެއް ކުރިން އަޅުގަނޑު ދެންނެވިން ޑޮލަރުގެ އަގުވެސް މައްޗަށް އަރާ ވާހަކަ. އެ ދުވަހު ދެއްކި ވާހަކަ ގަބޫލުކުރާނެ. ސިޔާސަތުގެ ވާހަކަ މި ދައްކަނީ. ބަދަލުވަނީ އިރު އިރުކޮޅާ" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މި ވެރިކަމުގައި ކަންކަން ނުހިނގައިގެން އުޅޭ ސަބަބު ރައީސް މުއިއްޒު އަށް ވެސް އެނގިލައްވާނެ ކަމަށެވެ. މިހާރު ތިބި ވަޒީރުންނަކީ ކުރީގެ ރައިސް އަބްދުﷲ ޔާމިން އާއި އެކު ސިޔާސީ ކެރިއަރ ނިންމާލުމުގެ ވައުދުގެ މަތީގައި ތިބި ބައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެންވީމަ ދެން އެ ބޭފުޅުންނާއި އެކު މި ވެރިކަން ހިންގާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.