ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅުގެ ބެލްކަންޏަށް ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ނެރުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ފިޔާތޮށި ކުލައިގެ މި ގޮނޑި ބަހައްޓާފައިވަނީ ހުކުރު ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ބޮޑު އެއްވުމާ ދިމާ ކޮށެވެ. ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހީގެ ބެލްކަންޏަށް ހުސްގޮނޑިއެއް ނެރުނުއިރު، ގިނަ ބައެއްގެ ސަމާލުކަން މި ގޮނޑިއަށް ލިބުނެ އެވެ. އަދި ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި މި ފޮޓޯ ވަނީ އާއްމުވެފަ އެވެ.
ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި މީހުން ބުނެފައިވަނީ މިއީ ރައީސް މުއިއްޒަށް ޔާމީން ދިން ވަރަށް ވަރުގަދަ މެސެޖެއް ކަމަށާއި، ކޮށްފައިވާ މަލާމާތެއް ކަމަށެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ބޭއްވި ޖަލްސާތަކުގައި ޔާމީންގެ ނަން ޖަހާފައި ހުރި ފިޔާތޮށި ކުލައިގެ ގޮނޑިއެއް ބެހެއްޓި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ފޮޓޯފުޅާއި، ޔާމީނަށް ޚާއްސަ މި ހުސް ގޮނޑި ދައްކައިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މާގިނަ ދުވަހެއް ނުވެ، ދެބޭފުޅުންގެ ގުޅުން ގޯސްވެގެން ދިޔަ އެވެ. އަދި އެމަނިކުފާނު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. އޭގެ ފަހުން ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާ ޕީއެންއެފް އުފެއްދެވި އެވެ.
އޭގެފަހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޔާމީން ގެންދަވަނީ ޖަލްސާތައް ބާއްވައި، ރައީސް މުއިއްޒާއި، މިސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް މިހާތަނަށް ރައީސް މުއިއްޒު ޔާމީންއާ ގުޅޭ ގޮތުން އެއްވެސް ފާޑެއް ވިދާޅުވެފައިނުވެ އެވެ.