ކުޅުދުއްފުށި ސީޓީ ރީޖަނަލް ހޮސްޕިޓަލުގެ މާބަނޑު އަންހެނުންގެ ވޯޑުތައް ވެސް ހިމެނޭހެން ބޮޑު ބައަކުން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.
ކުޅުދުއްފުށި ސިޓީން ރާއްޖެ އެމްވީއަށް ނަން ހާމަނުކުރުމަށް އެދެމުން މައުލޫތު ދިން އެ ރަށު މީހަކު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކެނޑިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަންހާއިރުގައި ކަމަށާއި މިހާރު ކަރަންޓު ނެތި ކަނނު އަދިރީގައި ތިބޭތާ 10 ވަރަކަށް ގަޑިއިރު ވެއްޖެ ކަމަށެވެ.
އޭނާ ބުނީ ހޮސްޕިޓަލުގައި ކަރަންޓު ކެނޑިފައި ވަނީ ޕްރިވެޓް ރޫމްތަކުގަ އާއި މާބަނޑު އަންހެނުން ތިބޭ ވޯޑުތަކުގައި ކަމަށެވެ. އެގޮތުން އެވޯޑުތަކުގައި ވިހައިގެން ގިނަ އަދަދެއްގެ އަންހެނުން އެބަތިބި ކަމަށް އޭނާ ބުންޏެވެ. އަދި އެ ހުރިހާ އެންމެންވެސް ތިބީ ކަނު އަނދިރީގައި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެމީހާ ބުންޏެވެ.
އޭނާ ބުނީ ކަރަންޓު ނެތި ގިނަ ބައަކަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ކުރީ ހޮސްޕިޓަލް ހުރި އިމާރާތުގެ ވޯޑަކަށް ވެސް އަންހެނުން ވޯޑުގައި ތިބި މީހުން ބަދަލުކުރި ކަމަށެވެ. އަދި އެތަނަށް އެމީހުން ބަދަލުކުރި އިރު، އެތަނުގައި ވެސް ކަރަންޓު ނެތް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އެމީހާ ބުނީ ހޮސްޕިޓަލުގައި މަރާމާތަށް ބަންދުކޮށްފައި ވެސް ވޯޑެއް އެބަހުރި ކަމަށާއި އެވޯޑު މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ހަތަރު ވަރަކަށް މަސްވެެއްޖެ ކަމަށެވެ. ނަމަވެސް އެ ވޯޑުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައި ހުރީ މި ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ހޮސްޕިޓަލުގެ ބޭފުލަކު މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ހޮސްޕިޓަލުން ކަރަންޓު ކަނޑައިގެން ދިއައީ މެންދުރު 12 ޖަހާކަންހާއިރު. އޭރުން ފެށިގެން އަދިވެސް ކަރަންޓު ނުލިބޭ. އެތަނުގައި ކަރަންޓު ނެތީ ޕްރައިވެޓް ރޫމްތަކާއި މާބަނޑު އަންހެނުންގެ ވޯޑުތަކުގަ. އެތަނުގައި ވިހައިގެން ވެސް ވަރަށް ގިނަ އަންހެނުން އެބަތިބި. އިއްޔެ އެކަނިވެސް ފައް މީހުން ވިހާފައިވޭ.
ކުޅުދުއްފުށިން މައުލޫމާތު ދިން ފަރާތް![]()
މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ ފައިނޭންސް އެގްޒެކެޓިވް މުޙައްމަދު މޫސާ ވިދާޅުވީ ކަރަންޓުގެ މައްސަލައެއް ދިވާވެފައިވާ ކަމަށާއި އެކަން އަދިވެސް މުޅިން ހައްލުނުކުރެވޭ ކަމަށެވެ. އަދި މިވަގުތު ކަރަންޓުގެ މައްސަލަ ދިމާވެފައިވާ އަންހެނުންގެ ވޯޑުގައި ވިހައިގެން ހަ މީހުންވަރު އެބަ ތިބި ކަމަށާއި ނަމަވެސް އެމީހުން މިހާރު ކުރީ ހޮސްޕިޓަލުގައި ހުރި ވޯޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ ޕްރައިވެޓް ދެ ރޫމެއްގެ އިތުރުން ވޯޑަކަށް ކަމަށެވެ. އެހެން ނަމަވެސް ވޯޑުގައި ދިމާވެފައިވަނީ ބޮތްކެއްގެ މައްސަލަ ކަމަށާއި އެތަނުގެ އޭސީތަކުގައި ކަރަންޓު ހުރި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަރަންޓުގެ މަންސަލަ ދިމާވީ ޕެނަލް ބޯޑަކަށް ދިމާވި ކުޑަ މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް އަދި ސީދާ މައްސަލަ ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް މުޙައްމަދު މޫސާ ވިދަޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުންވެސް ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.