ބ. ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނުތައް ހުއްޓި މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބ. ކެންދޫ ފެނަކަ ބްރާންޗުގެ ޖެންސެޓްތަކަށް އަޅާ އަޑީތެޔޮ ނުލިބި އެތަނުގައި ހުރި އަޑީތެޔޮ ވެސް ހުސްވުމާއި ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓް ކަނޑާލާފައެވެ. އަދި ކައިރި ރަށްތަކުން ތެޔޮ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ކަރަންޓް ލިބޭނީ ތެޔޮ ލިބުނުހާ އަވަހަކަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ކެންދޫ ރައްޔިތުން ތިބީ އަނެއްކާވެސް ކަނު އަނދިރީގައި ކަމަށެވެ. އިންޖީނަށް އަޅާނެ އަޑީތެޔޮ ހުސްވެގެން އިންޖީނު ބަޑިޖެހީކަމަށް ރައްޔިތުން ބުނަމުން ދާ ކަމަށާއި، އެންމެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވެސް އެތައް ބަޔަކު ވަޒީފާއަށް ނެގި ކަމަށެވެ. އަދި މިއީ ހިންގަން ނޭނގޭ ނާގާބިލު ސަރުކާރެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
B.Kendhoo Rayyithun thibee anekkaves Kanu andhireega, engine ah alhaane adeetheyo husvegen engine badijehee kamah rahyithun bunanee,ehnme fahun Raees kurevvi dhathurugaives ethah muvazzafuneh Fenaka ah vazeefa ah negi kahbaru libey, hingan neygey naagaabil sarukaareh @TeamFenaka pic.twitter.com/3fPnfKS1D3
— Mauroof-TEAM (@MateyZakir) September 1, 2025
ކެންދޫ ފެނަކަ ބްރާންޗުގައ 25 ވަރަކަށް މުވައްޒަފުން ވަޒީފާ އަދާކުރަމުންދެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓް ކެނޑުނީ އަޑީތެޔޮ ހުސްވެގެން ކަމަށާއި، އެ ހުސްވި އިރުވެސް އެތަނުގައި ތިބި ބަޔަކަށް އެކަން ރޭކާ ނުލާ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގައިދިއުމުން ފެނަކަ ބްރާންޗުގެ އިސްވެރިންނާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ކެންދޫ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އެތައް ދުވަހެއް ވެފައިވާ އިރު، މިދިޔަ ރޯދަ މަހުވެސް އެ ރަށުން ކަރަންޓް ކެނޑި ރައްޔިތުން ދިޔައީ އެކަމުގެ ތަކުލީފު އުފުލަމުންނެވެ.