ގދ.ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި މެދުވެރިކޮށް ރާއްޖެޓީވީން ވަނީ މި މަޝްރޫއުގެ މައުލޫމާތު ހޯދުމަށް ހުށަހަޅާފައެވެ.
އެ އާރުޓީއައިގައި ރާއްޖެޓީވީން ވަނީ، ގދ.ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި 20 ފެބްރުއަރީ 2024 ގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާކަން ފާހަގަކޮށް، ތިނަދޫ އަށް 50 ހެކްޓަރު ބިން އިތުރު ކުރުމާއި، ސީ ޕްލޭން ޓަރމިނަލް އެޅުމާއި، އަދި ހަމަ އެއާއެކީގައި، ފްލައިންގ ސްކޫލެއް މި އަތޮޅަށް ގެނައުމާއި، ހަމަ އެއާއެކީގައި، އެއަރ އެމްބިއުލެންސް ސަރވިސަސްއަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކުރުމާއި، ކެމްޕެއިންގައި ވައުދުވި ޑީ-ކޮމްޕްރެޝަންސްއެއް، ޗެމްބަރ ފެސިލިޓީތައް ގެނައުމާއި، ހަމަ މި ޕްރޮޖެކްޓްގެ ތެރެއިން މި އަތޮޅުގައި ހިމަނައިގެން 2 އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ސަރުކާރުން ނިންމާނެކަން އިއުލާން ކުރިކަން ފާހަގަކޮށްފައެވެ.
އެގޮތުން 20 ފެބްރުއަރީ 2024 އަށް ސޮއި ކުރިފަހުން މިއަދާ ހިސާބަށް އެއް އަހަރާ 4 މަސް ފާއިތުވެފައިވާއިރު، މި ޕްރޮޖެކްޓްތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން މިވަގުތަށް އަމަލީ ގޮތުން ކުރިއަށްދަނީ ކޮން މަސައްކަތްތަކެއްތޯއާއި، މަސައްކަތްތައް ކުރިއަށްދާނަމަ ނިމޭނެ ތާރީޚަކީ ކޮބައިތޯއާއި، ކުރިއަށް ނުދާ ނަަމަ މަސައްކަތްތައް ހުއްޓިފައިވަނީ ކީއްވެތޯ އަދި މި ސުވާލުގައި ހިމެނޭ ޕްރޮޖެކްޓަތަކުގެ ތަފްސީލު ވަކި ވަކިން ދިނުމަށް އެދިފައެވެ.
މި އާރުޓީއައިއާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ތިނަދޫގައި ބައިނަލްއަގުވާމީ ދަތުރުތައް ކުރެވޭ ފެންވަރަށް އެއަރޕޯޓެއް ތަރައްގީ ކުރުމަށް ޕޭން ޕެސިފިކް ކޮމްޕެނީއާއެކު ސޮއިކުރި އެއްބަސްވުމުގެ ބޭނުމަކީ ތިނަދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތުގެ އެއްބަސްވުމަކަށް ވަނުމުގެ ގޮތުން ދެފަރާތުން އެއްބަސްވެވޭ މަސައްކަތުގެ ސްކޯޕް އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައިގެން އަމަލީ މަސައްކަތާއި ހަމައަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުން ކަމަށެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން، މަޝްރޫއު ބިޒްނަސް މޮޑެލް، މަޝްރޫއުގެ ސްކޯޕް، ފިޔަވަހިތައް ކަނޑައެޅުމާއި، އިންވެސްޓްކުރާނެ މައިގަނޑު ކަންކަން ކަނޑައެޅުން އަދި މަޝްރޫއު ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިން، ޝެޑިއުލް ކަނޑައެޅުން އަދި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ގޮތްތައް ކަނޑައެޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގައި ވާގޮތުގެ މަތިން އެއްބަސްވުމުގައި ސޮއިކުރެވޭތާ 15 ދުވަސް ތެރޭގައި އެބޭފުޅުންގެ 3 އަހަރުގެ އޮޑިޓެއް ފައިނޭންޝަލް ސްޓޭމަންޓް ކުރިން މިފަދަ މަޝްރޫއުތައް ހިންގާފައިވާ ގޮތުގެ ތަޖުރިބާއާއި ގުޅޭ ލިއުންތައް އަދި ކުންފުނީގެ ޝެއަރ ހޯލްޑިން ސްޓްރަކްޗަރ އެނގޭނެ ލިއުންތައް ޕޭން ފެސިފިކް ލިމިޓެޑުން ހިއްސާކުރަންޖެހޭ ކަމަށެވެ.
ނަމަވެސް ޕޭން ޕެސިފިކް ލިމިޓެޑުން އެ ލިޔުންތައް ހުށަހަޅާފައިނުވާތީ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގދ.ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ސަރުކާރުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ. ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުމުގެ އިތުރުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތަފްސީލު، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށްގެންދިޔަ ނަމަވެސް މީގެ ކުރިން އިއުލާނުކުރެއެވެ. ކޮންޓްރެކްޓަރަށް ދޭ ލުއިތަކާއި، ކޮންޓްރެކްޓަރުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި، މަސައްކަތުގެ ތަޖުރިބާ އާއި ކުރިން ކޮށްފައިވާ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ހާމަކުރެއެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ މައުލޫމާތު ހާމަނުކުރާތީ މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރާ އެއަރޕޯޓުތަކުގެ މަޝްރޫއުތައް ހާމަ ކުރެއްވިއިރު، ތިނަދޫ އެއަރޕޯޓުގެ މަޝްރޫއު ހިމަނާފައިނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒަށް ސީދާ ޖަވާބެއް ވެސް ދެއްވިފައިނުވެއެވެ.
މި ބިޔަ މަޝްރޫއަކީ ޕޭން ޕެސިފިކްގެ އަމިއްލަ ފައިނޭންސިންގައި ކުރިއަށް ގެންދާނެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއަކީ 400 މިލިއަން ޑޮލަރާއި، 600 މިލިއަން ޑޮލަރުގެ ދެމެދުގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ތެރެއިން އިތުރު 12 ރިސޯޓް ތިނަދޫގެ ކައިރީގައި ގާއިމްކުރެވޭ އިރު، އެ ރިސޯޓްތައް ވެސް ގާއިމް ކުރާނީ އެ ކުންފުނިންނެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެފަދަ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެގޮތުން ގާއިމް ކުރެވޭ 12 ރިސޯޓުގެ ޖުމްލަ އެނދުގެ އަދަދު 2،000 އިން މަތިވާނެ ކަމަށް ސަރުކާރުން އޭރު އަންދާޒާކޮށްފައިވެއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް މި މަޝްރޫއު ހަވާލުކުރިއިރު އިންވެސްޓަރ މެދު ގިނަ ސުވާލުތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.
މި މަޝްރޫއު ހަވާލުކުރި ޕޭން ޕެސިފިކް ކޮމްޕެނީގެ ނަމުގައި ދެކުނު ކޮރެއާ، އިންޑޮނޭޝިއާ އަދި އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކުގައި ކުންފުނި ހިންގަމުންދެ އެވެ. ތައިލޭންޑްގައި ވެސް އެ ނަމުގައި ކުންފުންޏެއް އޮތްއިރު، މިއީ އަންނައުނު ހޯލްސޭލް ކުރާ ވިޔަފާރިއެއް ރެޖިސްޓްރީން ވަނީ ހާމަވެފައެވެ.