ބ ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެ ކަމަށް ރައިސުލްޖުމްހޫޜިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.…
— Dr Mohamed Muizzu (@MMuizzu) September 9, 2025
އެގޮތުން ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދު ވިން ކަމަށާއި އަދި އެވައުދު ފުއްދުމަށް އެގްރިމެންޓުގައި ސޮއި ވެސް ކުރި ކަމަށް ރައިސް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުން އެ މަޝްރޫޢު ހިންގަން ބޭނުން ނުވާކަން ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން އެރަށުގައި ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށާއި ރަސްމީކޮށް އެ ކައުންސިލަށް ސިޓީއަކުން ކަމާބެހޭ ވުޒާރާއިން އަންގާނެ ކަމަށް ރައިސް ވިދާޅުވި އެވެ.
ދޮންފަނުގައި އެމަޝްރޫއު ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް މުޢިއްޒު އިއުލާނު ކުރި އިރު ބ. އަތޮޅުގައި އޮންނަ، ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވް، ހަނިފަރު ބޭއަށް އެތައް ގެއްލުމެއްވާނެ ކަމަށް ބުނެ އެ ސަރަހައްދާ ކައިރި އޮތް ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވައިލައި، ޕެޓިޝަނެއް ވަނީ ފަށައިފައެވެ.