ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 11:26
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ
ރޮއިޓަރސް
އީރާން
އައިއޭއީއޭ އަށް އެއްބާރުލުން ދިނުމަށް އީރާން އިން އައު ގޮތް ތަކެއް ހުށަހަޅައިފި
އަރާގްޗީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ނިއުކްލިއާ މަރުކަޒުތައް މޮނިޓަރ ކުރުމަށް ހުށަހެޅޭ އެދުންތައް ވަކި ވަކިން ދިރާސާ ކުރެވޭނެ ކަމަށާއި، އެ ކަންކަން ބަލަހައްޓާނީ އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށް.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުމަށް އައު ގޮތްތަކެއް ހުށަހަޅާފައިވާ ކަމަށް އީރާން އިން ހާމަކޮށްފި އެވެ. 

މިއީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލު ކުރުމަށް އައިއޭއީއޭ އިން މަސައްކަތް ކުރަމުން އަންނަ ވަގުތެއްގައި އީރާން އިން ހާމަކޮށްފައިވާ ހާމަ ކުރުމެކެވެ.

އެކަމާ ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވަނީ، އައިއޭއީއޭ އަށް އީރާން އިން ދެމުން އައި އެއްބާރުލުން ހުއްޓާލަން ނިންމާފައި އޮތް ނަމަވެސް، އަލުން އެ އެއްބާރުލުން ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

ހުސްވި ޖޫން މަހުގެ ތެރޭގައި އިސްރާއީލް އިން އިސްވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއާ މަޝްވަރާތައް ވެސް ވަނީ ފަސް ކުރަން ޖެހިފަ އެވެ. 

އިސްރާއީލް އިން ދިން ހަމަލާތަކާ ގުޅިގެން، އޭގެ ރައްދުގައި އީރާން އިން ވެސް ވަނީ ހަމަލާ ދީފަ އެވެ. އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި 12 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލު ކުރުން ކުރިއަށް ދިޔައިރު، އީރާން އިން ބުނެފައި ވަނީ އިސްރާއީލްގެ ހަަމަލާތަކުގެ ސަބަބުން އެ ޤައުމުގެ އާންމު އާބާދީ އަށް ބޮޑު ގެއްލުމެއް ވެސް ލިބިފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން އަރާގްޗީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ނިއުކްލިއާ މަރުކަޒުތައް މޮނިޓަރ ކުރުމަށް ހުށަހެޅޭ އެދުންތައް ވަކި ވަކިން ދިރާސާ ކުރެވޭނެ ކަމަށާއި، އެ ކަންކަން ބަލަހައްޓާނީ އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށެވެ.

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތަކުގައި އެ ޤައުމުގެ އަސްކަރީ ޤާބިލިއްޔަތާ ބެހޭ އެއްވެސް ވާހަކައެއް ނުހިމެނޭނެ ކަމަށެވެ. އަދި އީރާންގެ ސުލްޙަވެރި ބޭނުންތަކަށް ޔުރޭނިއަން ފައްކާ ކުރުމުގެ ހައްގު ކޮންމެ އެއްބަސްވުމެއްގައި ވެސް ހިމެނެން ޖެހޭނެ ކަމަށް އަރާގްޗީ ފާހަގަ ކުރެއްވި އެވެ. 

- ކޮމެންޓް