މެދު އިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު، އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފި އެވެ.
ޚާމަނާއީ މިފަދައިން ވިދާޅުވެފައި ވަނީ ހުކުރު ދުވަހު، އެމެރިކާ އަށް އިންޒާރެއް ދެއްވުމުގެ ގޮތުންނެވެ. ޚާމަނާއީއާ ހަވާލާދީ ބުނެފައި ވަނީ، އަލް އުދީދު އެއާ ބޭސް އަށް ހަމަލާ ދިނުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެއީ އަނެއްކާ ވެސް ދިމާވެދާނެ ބޮޑު ހާދިސާއެއް ކަމަށެވެ.
ޚާމަނާއީ މިހެން ވިދާޅުވެފައި ވަނީ، މިދިޔަ މަހު އެމެރިކާގެ އެންމެ ބޮޑު އަަސްކަރީ އެއް މަރުކަޒަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާ އީރާން އިން ދީފައި ވަނިކޮށެވެ. އީރާން އިން ޤަތަރުގައި ހުންނަ އެމެރިކާގެ ބޭސް އަަކަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ، އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
ޚާމަނާއީ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މުހިންމު ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ގާބިލުކަން އީރާންގެ ކިބައިގައި ހުރި ކަމަށެވެ.
ހުކުރު ދުވަހު އެމެރިކާގެ ޕެންޓަގަން އިން އަލް އަރަބިއްޔާ އަށް ބުނެފައި ވަނީ، އީރާންގެ މިސައިލް ހަމަލާގެ ތެރެއިން އެއް ހަމަލާ އެމެރިކާގެ ބޭސް އަށް އަމާޒުވެފައިވާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި ނަގާފައިވާ ސެޓަލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، މުވާސަލަތީ އާލަތްތަކާއި، ގިޔަރު ރައްކާކުރުމަށް ބޭނުންވާ ސާމާނު ހުރި ބޭސް އަށް ވަނީ ގެއްލުންވެފަ އެވެ.
އަލް އުދީދު މަސައްކަތް ކުރަނީ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ފޯވާޑް ހެޑް ކުއާޓާސްގެ ގޮތުގަ އެވެ.
އީރާން އިން ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނަރަލް ޑޭން ކޭން ވިދާޅުވެފައި ވަނީ މަލްޓި ލޭޔަޑް އެއާ ޑިފެންސް ސިސްޓަމްތަކަށް އެއްޗެއް ވަދެފައިވާކަން އެމެރިކާ އަށް އިނގޭ ކަމަށެވެ.
އަދި އެ ހަމަލާ ހުއްޓުވުމަށް މަސައްކަތް ކުރި އެމެރިކާގެ ސިފައިންނަށް ތައުރީފު ކުރައްވައި، އެއީ އެމެރިކާގެ އަސްކަރީ ތާރީޚުގައި ވެސް އެންމެ ބޮޑު އެއް ޕެޓްރިއޮޓް އެންގޭޖްމަންޓުގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފަ އެވެ.
އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ތެރެއަށް، ވަކި ހިސާބަކުން ވަދެ އެމެރިކާ އިން ވަނީ އީރާނަށް ހަމަލާ ދީފަ އެވެ. އޭގެ ރައްދުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް ހަމަލާ ދީފަ އެވެ.