ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭނުންވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ދައުރު 15 އަހަރަށް ނުވަތަ 50 އަހަރަށް ވެސް ދަންމާލެވިދާނެ ކަމަށް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.
ރިފާއު މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް ބަހުސް ކުރަމުންނެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އޮތް ގޮތުން ޤާނޫނު އަސާސީގެ ކޮންމެ މާއްދާ އަކަށް ވެސް އިސްލާހު ގެނެސް، އޭގެ ނާޖާއިޒު ފައިދާ ނެގިދާނެ ކަމަށެވެ. ހަމައެކަނި ޤާނޫނު އަސާސީގެ ވަކި މާއްދާތަކެއްގައި މިވަގުތު ލިޔެވިފައި ވަނީ ރައްޔިތުންގެ ވޯޯޓަކަށް ދާން ޖެހޭ ކަމަށާއި، އެހެން ނަމަވެސް، މަޖިލީހުގެ ޕީއެންސީގެ މެމްބަރން ބޭނުން ވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ވެސް ދުއްވާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޕީއެންސީ އިން ބޭނުން ވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ 15 އަހަރަށް ވެސް ހެދިދާނެ ކަމަށް ރިފާއު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ޕީއެންސީ އަށް ލިބިފައިވާ ހަގީގީ ބާރުވެރިކަން ދޫކޮށްލަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މިއަދު ރައްޔިތުންނަށް ދައްކައިދެނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ނެގެން ހުރި ނާޖާއިޒު ފައިދާ ވެސް ނުނަންގަވާނެކަން ކަމުގައި އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިތާ މި ތިއްބަވާ ޕީއެންސީގެ މެމްބަރުން ބޭނުންފުޅު ކަމަށް ވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ ޓާމު ވެސް ދުއްވާލެވިދާނެ. ރައީސުލްޖުމްހޫރިއްޔާގެ ޓާމަކީ ފަނަރަ އަހަރަށް ވެސް ހެދިދާނެ، މިވަގުތު ޤާނޫނު އަސާސީ އޮތް ގޮތުން. އަޅުގަނޑުމެން މިއަދު ރައްޔިތުންގެ ހަގީގީ ބާރުވެރިކަން މި ދޫކޮށްލަނީ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވައުދު، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވީ ވައުދާ އެކީގައި، ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ނެގެން ހުރި ނާޖާއިޒު ފައިދާތައް ވެސް އެމަނިކުފާނު ނުނަންގަވާނެ ކަމުގެ ސާބިތުކަން މިއަދު ރައްޔިތުންނަށް މި ދައްކަމުން ދަނީ. މިއަދު އަޅުގަނޑުމެން، މިތާ ތިބި މެމްބަރުން ބޭނުން ކަމަށް ވަންޏާ، 50 އަހަރަށް ވެސް ދައުރު ބަދަލު ކޮށްލެވިދާނެ.
އަބްދުﷲ ރިފާއު (ބޮޗޭ) / މާފަންނު ދެކުނު ދާއިރާގެ މެންބަރު![]()
ރިފާއުގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް އަދި ސަރުކާރަށް ވެސް ފާޑު ކިޔަމުންނެވެ. އެގޮތުން ރައީސް މުޢިއްޒު ބޭނުން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން އިތުރު ދައުރަކަށް ވެރިކަމުގައި ހުންނަން ކަމަށާއި، މިއަދު ވާހަކަ ދައްކަމުން އެ ދަނީ އެ މަގުން ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.