މި ހިނގާ 2025 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި 56.5 ބިލިއަން ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރު ކޮށް 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަން ޖެހޭތީ އެވެ. އަންނަ އަހަރުގެ ދަރަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ
މިސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު![]()
ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ އަދި ބަޖެޓު ޑެފިސިޓު ފޫބައްދަން 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.
ސަރުކާރުން ވަނީ ލޯނު ދައްކަން ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމަށް ނިންމާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު މިނިސްޓަރު ޒަމީރު ވިދާޅުވީ މި ފަންޑުގައި މިހާރު ވެސް ނަގުދު ފައިސާއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެބަ ހުރި ކަމަށެވެ. އަދި އަންނަ އަހަރު މި ފަންޑު ބޭނުންކޮށްގެން ދަރަނި ދައްކަން 4.2 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ތާރީޚީ ބޮޑު ބަޖެއްޓެއް ހުށަހަޅާފައިވާއިރު އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ބަޖެޓުގައި ހިމެނޭ ފައިސާގެ ތެރެއިން 9.3 ބިލިއަނަކީ އަންނަ އަހަރުގެ ކުރީކޮޅު މެޗުއާ ވާ ސުކޫކާއި ބޮންޑުގެ ޕޭމަންޓަށް އަރާނެ ޚަރަދު ކަމަށެވެ.
ރައީސްގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އަދި ސަރުކާރުގެ އިސް ބައެއް ވެރިން އަންނަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ސުކޫކާއި ބޮންޑު ދެއްކުމަށް ހަރަދުވާ ނުވަ ބިލިއަން ރުފިޔާ އުނިކުރުމަށްފަހު، މި އަހަރަށްވުރެ ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓު ކުޑަކަމަށް ބުނަމުންނެވެ.
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އާމްދަނީގައި މި އަހަރުގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީ ހިމަނާފައިނުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.