Advertisement
ކ. މާލެ
|
9 ޖުލައި 2025 | ބުދަ 15:29
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
ރައްޔިތުންގެ މަޖިލިސް
އޭސީސީގެ މެމްބަރުން އެދިގެން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރު
މާލިއްޔަތު ކޮމެޓީގެ އެ ބައްދަލުވުން ސިއްރު ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ހުށަހަޅައިގެން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން އެދިގެން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލު ކޮށްފައި އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަކީ، އޭސީސީގެ މަސައްކަތްތައް ނިންމުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ކޮމިޝަން އިން އެދިގެން ބޭއްވި ބައްދަލުވުމެކެވެ.

މާލިއްޔަތު ކޮމެޓީގެ އެ ބައްދަލުވުން ސިއްރު ކުރީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ހުށަހަޅައިގެންނެވެ. އެގޮތުން ކޮމެޓީ ސިއްރު ކުރުމަށް ހުށަހެޅީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފު އެވެ. ޝަރީފުގެ އެ ހުށަހެޅުމަށް ތާއީދު ކުރީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން އެވެ. ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރުމަށް މެމްބަރުންގެ އިއްތިފާގުން ފާސް ކުރި ނަމަވެސް، ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރި ސަބަބު ހާމަކޮށްފައި ނުވެ އެވެ.

އޭސީސީގެ މަސައްކަތްތައް ނިންމުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން އެ ކޮމިޝަން އިން މާލިއްޔަތު ކޮމެޓީއާ ބައްދަލު ކޮށްފައިވާއިރު، އޭސީސީ އަށް އަންނަނީ އާންމުންގެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވަމުންނެވެ. ޚާއްސަކޮށް ސަރުކާރުގެ ޕްރެޝަރަށް އޭސީސީ އިން ކުރަމުން އަންނަ ކަަންތައްތަކަށް ފާޑު ކިޔުން އަމާޒުވެ އެވެ.

މި ފަހުން އޭސީސީ އިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހާމަކޮށްފަ އެވެ. އޭސީސީ އިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށް، އަލްއުސްތާޛް ޙުސްނުއް ސުއޫދު، އަލްއުސްތާޛް މަހާޒް އަލީ ޒާހިރު އަދި ޑޮކްޓަރު އަޒްމިރަލްދާ ޒާހިރުގެ ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެކަން ބަޔާންކޮށް އޭސީސީ އިން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީ ފޮނުވުމާއެކު، އެ ފަނޑިޔާރުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ނަމަވެސް އެ ފަނޑިޔާރުންނާ ދެކޮޅަށް ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ އެއްވެސް ތަފުސީލެއް އޭސީސީ އިން ހާމަކޮށްފައި ނުވެ އެވެ.

މިހާތަނަށް އައިއިރު އެ މައްސަލައިގައި އޭސީސީ އިން ޙުސްނުއް ސުއޫދު، މަހާޒް އަދި އަޒްމިރަލްދާއާ ސުވާލެއް ވެސް ކޮށްފައި ނުވެ އެވެ.

- ކޮމެންޓް