Advertisement
ކ. މާލެ
|
8 ޖުލައި 2025 | އަންގާރަ 13:58
މަސްވެރިކަން
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
ހެނދުނު 10:15 ހާ އިރު ބޯޓު ދޮށަށް އައިސް ރޭގަނޑު 8:00 ހާއިރު ބޯޓުން ބުނީ ދެން މިއަދަށް މަސްކިރާ ނިމުނީ ކަމަށް
ކޭޝިޔަރު ގާތުގައި ވެސް ބޯޓުގެ ކެޕްޓަން ގާތުގައި ވެސް މަސްކޮޅު ނުކިރިއްޖެއްޔާ ކަނޑަށް އުކާލުން ނޫން ގޮތެއް ނެތް ކަމަށް ބުނި
ކަނޑަށް އަޅާލަން ޖެހުނު މަހުގެ އަގަށް ގާތްގަނޑަށް 38،000 ރ. އަރާނެ ކަމަށް ލަފާ ކުރެވޭ

މ. އަތޮޅު ނާލާފުށީ ދޯންޏަކުން ބޭނި މަސްތައް ކަނޑަށް އަޅާލުމުގެ ކުރިން މިފްކޯ މަސްކިރާ ބޯޓުގެ ކެޕްޓަން ކައިރީ ކަލާކޮއްޓަކާ ގޮވައި ރޮއި އާދޭސް ކުރިން ކަމަށް ދޯނީގެ ކެޔޮޅު ބުނެފިއެވެ.

"ވިންދު 1" ނަމަކަށް ކިޔާ ދޯނީގެ ކެޔޮޅު އިބްރާހިމް ޝިޔާމް މި ހާދިސާ އާ ބެހޭ ގޮތުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ، 2 ޓަނު 600 ކިލޯގެ މަސް ކަނޑަށް އަޅާލީ އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެން ހޯމަ ދުވަހު ފަތިހު މަސް ބާނައިގެން ބޯޓާ ހަމައަށް ފޯރީ ހެނދުނު 10:15 ހާ އިރު، އޭރު މަސްކިރަން އޮތީ އެންމެ ދޯންޏެއް. އެ ދޯނި މަސްކިރާ ނިމުނު ތަނުން ބޯޓުން ބުނެފި، ދެން މަސް ކިރުން މެދުކަނޑާލީއޭ، އެއްވެސް އިތުރު ސަބަބެއް ނުބުނެ، ބުނީ ދެން މަސްކިރާނީ ހަވީރު 4:00 ގަ އޭ،" މިިކަމުގެ ތަފްސީލު ކިޔައިދެމުން ކެޔޮޅު ބުންޏެވެ.

ކެޔޮޅު ޝިޔާމް ބުނީ، ކުއްލިއަކަށް މަސް ކިރުން މެދުކަނޑާލުމުން، އެ ދޯނީގައި ހުރީ "ނޯމަލް" މަސް ކަމަށާއި، އޭގައި އައިސް ނެތް ކަމަށް ވެސް ބޯޓުގައި ބުނި ކަމަށެވެ.

"އަތޮޅަކުން ނެތް އައިސް ލިބޭކަށް، އެންމެ 2 ޕްލާންޓު ހުންނަނީ އެއް ޕްލާންޓު ހުރީ ހަލާކުވެފައި، އަނެއް ޕްލާންޓުން އައިސް ލިބޭ ގޮތެއް ނުވި، އެހެންވެ، އައިސް ނާޅާ ބޯޓު ދޮށަށް މަސްތައް ހިފައިގެން އައީ."

ޝިޔާމު ބުނި ގޮތުގައި ހާލަތު ކިޔައި ދިނުމުން ވެސް މިފްކޯގެ ޖަޒީރާ 105 ބޯޓުން އެއް ގޮތަކަށް ވެސް އެކަމަށް ފަރުވާލެއް ނުބެހެއްޓި ކަމަށެވެ.

"ދެން 4 އެއް ޖެހި އިރު ކުއްލި އަކަށް އެހެން އޮޑި ފަހަރު އައިސް ބޯޓު ދޮށަށް ކައިރި ކޮށްފި، އަޅުގަނޑުމެން 10:15 ހާ އިރު ކިއު ގައި ޖައްސާފައި އޮއްވާ އެހެން އޮޑި ފަހަރަށް އިސްކަން ދީފި، އަޅުގަނޑުމެން ބުނިން ކޮބާހޭ ކިޔު ތަރުތީބު، ބޯޓުން ބުނީ، ކިޔު ތަރުތީބު ހަދާނީ މަސްވެރިންނޭ،" ޝިޔާމް ކިޔައި ދިނެވެ.

ކެޔޮޅު ބުނި ގޮތުގައި ކިޔޫގައި ތިބި އޮޑި ފަހަރު މަސްކިރާ ނިމިގެން އެ ދޯންޏަށް ޖެހުނު ތަނުން "މިއަދަށް ކަނޑައެޅިފައި އޮތް މިންވަރަށް މަސްކިރާ ނިމުނީ؛" ކަމަށް ބޯޓުން ބުނި ކަމަށެވެ.

"އަޅުގަނޑުމެން ބޯޓަށް އަރާ ކޭޝިޔަރު ގާތުގައި ވެސް ކައްޕި ކައިރީގަ ވެސް އާދޭސް ކުރިން މަސްކޮޅު ކިރާލަ ދޭށޭ."

ކެޔޮޅު ބުނީ އާދޭސް ކުރުމުން ވެސް އަޅާ ނުލީ ކަމަށެވެ.

"އަޅުގަނޑު ބުނިން ނުކިރިއްޖެއްޔާ، މަސްތައް ޖެހޭނީ ކަނޑަށް އަޅާލާށޭ، ގަންނާނެ އެހެން ބަޔަކު ނެތޭ."

ކެޔޮޅު ބުނި ގޮތުގައި އެންމެ ފަހުން ކިރޭ ގޮތް ނުވެގެން ރޭގަނޑު 8:00 ހާ އިރު އެމީހުންގެ ލޯ ކުރިމަތީގައި މަސްތައް ކަނޑަށް އަޅާލީ އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

"އޮޑީގައި ހުރީ ހަމަ ރީތި ކަޅުބިލަ މަސް، 2 ކިލޯ އިން މަތި، ކަޅުބިލަ މަސް؛" ކަމަށް ކެޔޮޅު ބުންޏެވެ.

އޮޑިން މަސްތައް ކަނޑަށް އަޅާލި މަންޒަރު ސޯޝަލް މީޑިއާ ގައި އާންމު ވެފައި ވާއިރު، ބޯޓަށް މަސް ކިރާ 14ރ. ރޭޓުން ބަލާއިރު ކަނޑަށް އަޅާލަން ޖެހުނު މަހުގެ އަގަށް ގާތްގަނޑަށް 38،000 ރ. އަރާނެ ކަމަށް ކެޔޮޅު ބުންޏެވެ.

ކެޔޮޅު އިތުރަށް ކިޔައި ދިން ގޮތުގައި، ރަށްރަށުން ކުޑަ އަގުގައި މަސް ގަންނަ މީހުން ވެސް މި ދުވަސްކޮޅު އަތޮޅުގައި މަސްވެރިކަން ރަނގަޅުވުމުން ތިބީ "އޯވަރލޯޑް" ވެފައި ކަމަށެވެ.

"ބައެއް އޮޑިފަހަރު 10 ޓަނު 11 ޓަނު މަސް އެބަ ބާނާ، އެހެންވީމާ މަސް ގަންނާނެ މީހުން ރަށަކުން ނުވޭ." ކެޔޮޅު ބުންޏެވެ.

ކެޔޮޅު ބުނި ގޮތުގައި ލޯބޯ ފިއްސައިގެން ރެޔާއި ދުވާލު އަނބިދަރިންނަށް ކާންބޯންދޭން ކުރާ ބުރަ މަސައްކަތް އަގެއް ނެތި ދާ ކަމީ ވަރަށް ދެރަވާން ޖެހޭ ކަމެއް ކަމުގައެވެ.

- ކޮމެންޓް