13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް އެނާގެ ބަންދުގެ މުއްދަތު އިތުުރުކުރި އަމުރުގައި ބުނެފިއެވެ.
ކަސްޓަމްސްއިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރެޓުގެ މައްސަލައިގައި ހިމެނޭ މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދިނީ ހޯމަ ދުވަހުއެވެ.
ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައި ބުނެފައިވަނީ މުއާޒުގެ ހައްޔަރާމެދު އެންމެ ފުރަތަމަ ބޭއްވުނު މަޖިލީހުގައި ފަނޑިޔާރު ގޮތެއް ނިންމާފައިވީ ނަމަވެސް، ހައްޔަރާއި ގުޅޭ އިޖުރާއީ ނުކުތާއެއް އޭނާގެ ވަކީލުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކީލުގެ ފަރާތުން ފާހަގަކުރި ނުކުތާތަކާއި ގުޅިގެން، މުއާޒުގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ކަނޑައެޅިދާނެފަދަ ގާނޫނީ ނުކުތާއެއް ވަކީލަށް ހުށަހެޅިފައިވާ ކަމަށް ނުފެންނަ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މުއާޒުއާ ދެކޮޅަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހުރި ތަފްސީލީ ވާހަކަތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރުގެ ހެކި ކުރިކަމާއި، އޭނާ އާއި ކުށާ ގުޅުވައި ނުލެވޭނެ ކަމަށް ވަކީލު ފާހަގަކުރި ނަމަވެސް، އެ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
މުއާޒް އަލީ އަކީ އެހެން މައްސަލައެއްގައި ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެ ކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މީހެކެވެ.
ފުލުހުން ބުނީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މުއާޒު މަގާމުން ސަސްޕެންޑް ކޮށްފައިވާއިރު ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ޒިވާރު އަދި އެމްޕީއެލްގެ 6 މުވައްޒަފެއް ވަނީ ސަސްޕެންޑްކޮށްފައެވެ.
13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ. މި މައްސަލަ ރަސްމީކޮށް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ 12 މީހެއްގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެ، މި އޮޕަރޭޝަނާ ގުޅުން ހުރި އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައިއެވެ.
ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.