އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ކުޅޭ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ޔުނައިޓެޑުގެ މެޗެއް ބައްލަވާލެއްވުމަށް ވަޑައިގަންނަވަނީ ދެ ދެކަނބަލުން ކައިވެނީގެ ހަފްލާ އަަކަށް މިހާރު އިނގިރޭސިވިލާތަށް ކުުރައްވަމުން އަންނަ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން އާދިއްތަ ދުވަހުގެ ރޭ އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑު ޕޯޓްމެން ރޯޑުގައި އެ ޓީމާ ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗު ބައްލަވާލަން ވަޑައިގަންނަވާނެ ކަމަށް، އިތުބާރު ހުރި މަސްދަރަކުން ވަނީ ނޫހަށް މައުލޫމާތު ދީފަ އެވެ.
ރައީސް މުޢިއްޒުގެ އެ ދަތުރުފުޅާ ގުޅިގެން އެކްސްގައި "ހަސަން ކުރުސީ" ކިޔާ އެކައުންޓުން ވެސް ވަނީ އެމަނިކުފާނު ޔުނައިޓެޑުގެ މެޗެއް ބައްލަވަން ވަޑައިގަންނަވާ ވާހަކަ ހިއްސާ ކޮށްފަ އެވެ.
ރައީސް މުޢިއްޒު އިނގިރޭސިލާތައް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި ފުރާ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކި އެކި މަސްދަތުރަކުން ހާމަވެފައިވާ ގޮތުގައި ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ނުވަ ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ދަރިކނަބަލުން ޔަސްމިން މުޙައްމަދު މުޢިއްޒު ހުންނަވަނީ އެ ޤައުމުގައި ތައުލީމު ޙާސިލު ކުރެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރައްވަނީ ރައީސް މުޢިއްޒު އަމިއްލަފުޅަށެވެ.
ރައީސް މުޢިއްޒު އަކީ އަބަދު ވެސް ޔުނައިޓެޑަށް ސަޕޯޓު ކުރައްވާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަން މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެކި އެކި މީޑިއާ ތަކަށް ދެއްވި އިންޓަވިޔުގައި ވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވައިފަ އެވެ.
މާލޭގައި ހުންނަވާ އިރުވެސް ކޮންމެ ދުވަހު ކަހަލަ ގޮތަކަށް ކެބިނެޓް މެންބަރުންނާއެކު ފުޓުބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވައެވެ.
އާރަށުގައި ފުޓްބޯލަ ކުޅުއްވަނިކޮށް ލިބުނު އިންޖަރީއަކަށް ސިންގަޕޫރުން ފަރުވާ ހޯއްދަވަން ވަޑައިގެންނެވި ކަން މުއިއްޒު ވަނީ ޕީއެންސީގެ ހަރުގެ ޖަލްސާ އެއްގައި ވިދާޅުވެފައެވެ.