ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި މި ވަނީ ބިލު ހުށަހެޅިތާ އެއް ދުވަސް ތެރޭގައެވެ. އެ ބިލު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.
ސަރުކާރުން ބުނި ގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތުތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް އެ ވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމެވެ.
ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތާއި އެކު ގަރާރެއް ފާސްކުރަން ޖެހެ އެވެ. އަދި ބިލުގައި ބުނާ ގޮތުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމިދާނެއެވެ. ހަމައެހެންމެ އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް ގަރާރަކުން ފުރުސަތު ލިބޭ އިރު ގަރާރު އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނީ ވޯޓު ނެގުމުގެ ތާރީހު އީސީއިން އިއުލާން ކުރުމުގެ ކުރިން ކަމަށް ވަނީ ބުނެފައެވެ.
ބިލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެކަމާއި ގުޅޭ އުސޫލުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމާއި، ގައުމީ މުހިންމު މައްސަލަތަކުގައި، އަދި ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާ އަކާއި މެދު މިފަދަ ވޯޓެއް ނެގިދާނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސީ ދައުރު ކަނޑައެޅުމާއި ރައީސް އިންތިޚާބު ކުރާ ގޮތް ބަޔާންކުރުމަށް ވެސް އާއްމު ވޯޓެއް ނެގިދާނެއެވެ. އަދި ރާއްޖޭގެ ސަެރަހައްދާއި މެދު ވެސް އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.