ސަޕްލައި އާއި ޑިމާންޑާއި ވަކި ކުރައްވަން ރައީސް ޑރ.މުހައްމަދު މުހައްމަދު މުއިއްޒު އަށް އެނގިވަޑައި ނުގަންނަވާ ކަަމަށާއި ވިޔަފާރީގެ ކަންކަން ހިނގާ ގޮތް ނޭނގި ޑޮލަރުގެ އަގު ތިރި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން (ރީކޯ) މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
މޫސަ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ ރާއްޖެ އަށް ޑޮލަރު ލިބުނަސް މިހާރު ސަރުކާރުން ކުރާ ގޮތަށް ކަންކަން ކޮށްގެން ޑޮލަރުގެ އަގު ތިރި ނުވާނެ ކަމަށެވެ.
ވަކި ވަކި ފަތުރުވެރިއެއްގެ ނިސްބަތުން ބެލިޔަސް ކޮންމެ ރިސޯޓަކުން ބޮލަކަށް ފަސްސަތޭކަ ޑޮލަރު މާރުކުރާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ އިހަކަށް ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ އަގު ތިރި ވާނެ ކަމަށް ވިދާޅުވި އިރު އެހެން އެކަން ހިނގިތޯ މޫސަ ވަނީ ސުވާލުކުރައްވާފައެވެ.
"ތިރިވިތޯ ޑޮލަރު؟ ހައްތަހާ މައްޗެއް ނޫންތޯ ވަނީ. އެހެންވީމަ މިހާރު ޤައުމަށް ޑޮލަރު ވަންނަ ވާހަކަ ދައްކާ އިރު އަޅުގަނޑުމެންގެ ބަޖެޓަކީ ގާތްގަނޑަކަށް 56 ބިލިއަން. ބަޖެޓެއް ފާސްކުރާނީ ގައިމު ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްގެން ނޫންތޯ؟" މޫސަ ވިދާޅުވިއެވެ.
ބަޖެޓްގެ ގޮތުގައި ފާސްކުރި ފައިސާގެ ތެރެއިން 46 ބިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށާއި އެހެންކަމަށް ވުމުން ޑޮލަރު އަގު ތިރި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނީ ވިޔަފާރި ދަންނަ ބަޔަކަށް ކަމަށާއި އެ ނޫން ގޮތަކަށް އެކަން ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ދިވެހި ޤައުމު އޮންނަނީ އަބަދު ދަރާފަ ކަަމަށާއި ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ވަރަށް ބޮޑު ކަމަށް މޫސަ ވިދާޅުވިއެވެ. ޑޮލަރުގެ އަގު ތިރި ކުރެވޭނީ ވަރަށް ބޮޑަށް ކަންކަން ބަދަލުކޮށްގެން ކަމަށް އެނާ ވިދާޅުވިއެވެ. ދައުލަތަށް ލާރި ހޯދައިގެން އެކަނި ޑޮލަރުގެ އަގު ތިރި ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.