Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 22:27
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އެމްޑީޕީ
ފައްޔާޒް އިސްމާއިލް
އެސްއީޒެޑް އިސްލާހުން ޓޫރިޒަމަށާއި ދައުލަތުގެ އާމްދަނީއަށް ލޮޅުން އަރާ، ބޮޑެތި ގެއްލުންތަކެއް ވާނެ: ފައްޔާޒު
ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް ގެންނަ ބަދަލުން ދައުލަތަށް ލިބެންއޮތް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ
އެސްއީޒެޑް ބިލުގެ ދަށުން ޓައުންޝިޕް ސަރަހައްދުތަކުގައި ހިންގޭ ވިޔަފާރިތަކުގެ އާމްދަނީން ނެގޭ ޓެކްސް ފުރަތަމަ 10 އަހަރު ފަސް ޕަސެންޓަށް ކަނޑައަޅާފައިވޭ
މުޅި ސިނާއަތަށް ފައިދާ ކުރުމުގެ ބަދަލުގައި ވަކި މަޝްރޫއުތަކެއްގައި އެކަނި ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދިއުމުން މި ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެންދޭ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ގާނޫނީ އިސްލާހަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ނޭދެވޭ އަސަރެއް ކުރާނެ ބަދަލެއް ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ ސަސްޓެއިނަބަލް ޓައުންޝިޕް އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ހިމަނައިފައެވެ.

މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފައްޔާޒް އެކްސްގައި ވިދާޅުވީ އެސްއީޒެޑް ގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ދައުލަތަށް ލިބެންއޮތް ބޮޑު އާމްދަނީއެއް ގެއްލިގެންދާނެ ކަމަށެވެ.

އަދި ސަސްޓެއިނެބަލް ޓައުންޝިޕަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ޕްރޮޖެކްޓަކީ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާ މަޝްރޫއެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެ އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަށް ނޫން ކަމަށާއި އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދުމަށް ޓެކްސް ލުއިތަކެއް ދޭން ނުޖެހޭނެ ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައި އެވެ.

އެ ޕްރޮޖެކްޓު ގެނައީ އެއްވެސް ލުއިތަކެއް ދޭ ގޮތަކަށް ނޫން. އެންމެ ޕްރޮޖެކްޓަކަށް ބޭއިންސާފުން ލުއި ދިނުމަކީ ސަރުކާރުގެ މަގްސަދާއި މެދު ޝައްކު އުފެދޭ ކަމެއް. ނ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން ޓެކްސް ލުއިތަކެއް ދޭން ނުޖެހޭ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ޓޫރިޒަމް ގާނޫނަށް ހުށަހެޅުނު އިސްލާހުގައި ޓޫރިޒަމްގެ ހުރިހާ ރިއަލް އެސްޓޭޓް މުއާމަލާތަކުން ހަތަރު ޕަސެންޓުގެ ޓެކުހެއް ނެގުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.

ފައްޔާޒް ވިދާޅުވީ މުޅި ސިނާއަތަށް ފައިދާ ކުރުމުގެ ބަދަލުގައި ވަކި މަޝްރޫއުތަކެއްގައި އެކަނި ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދިއުމުން މި ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެން ދާކަމަށެވެ.

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ވަނީ މި ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މިއީ ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ފާހަގަކޮށްފައި އެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ހުށަހެޅީ އެސްއީޒެޑު ގާނޫނަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ތަފުސީލުތައް ހިމަނައި، ބާބެއް އިތުރު ކުރުމަށް ކަމަށް ވާއިރު، އެ އިސްލާހުގައި ވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީ ކުރަންޏާ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ.

މި ބިލުގެ ދަށުން، ސަސްޓެއިނެބަލް ޓައުންޝިޕްގެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގައި، އެ ތަންތަނުގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕާޓީ ޓްރާންސްފަރ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު އެންމެ އެއް ޕަސެންޓު، ދެވަނަ ފަހަރު ދެ ޕަސެންޓު، އަދި ތިންވަނަ ފަހަރުން ފެށިގެން ހަތަރު ޕަސެންޓު ދައްކަންޖެހޭނެ އެވެ.

މީގެ އިތުރުން، އެފަދަ ސަރަހައްދުތަކުގައި ހިންގޭ ވިޔަފާރިތަކުގެ އާމްދަނީން ނެގޭ ޓެކްސް ފުރަތަމަ 10 އަހަރު ދުވަހަށް ކަނޑައެޅިފައިވަނީ ފަސް ޕަސެންޓުގެ ރޭޓުންނެވެ.

- ކޮމެންޓް