އިޒްރޭލާއެކު ކުރި ހަނގުރާމައާ ގުޅިގެން ޖޫން 13 ގައި ބަންދުކުރި އިރާނުގެ ވައިގެ ސަރަހައްދު، ތެހެރާން ހިމެނޭގޮތަށް އަލުން ހުޅުވާލައިފިކަމަށް އެ ގައުމުގެ ސަރުކާރު މީޑިއާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
ތެހުރާންގެ މެހްރާބާދް އަދި އިމާމް ހޮމެއިނީ އިންޓަނޭޝަނަލް އެއަރޕޯޓްތަކާއި، އުތުރު، އިރު، ހުޅަނގު އަދި ދެކުނުގެ އެއަރޕޯޓްތައް އަލުން ހުޅުވާލައި، ފްލައިޓްތައް އޮޕަރޭޓްކުރުމަށް ތައްޔާރުވެފައިވާ ކަމަށް އޮފިޝަލެއް އައިއާރްއެންއޭ ނިއުސް އޭޖެންސީން އަށް މައުލޫމާތު ދީފައިވެއެވެ.
އިސްފަހާން އަދި ތަބްރީޒް ފިޔަވައި ގައުމުގެ ހުރިހާ އެއަރޕޯޓަކުން އެތެރޭގެ އަދި ބައިނަލްއަގުވާމީ ފްލައިޓްތައް ހެނދުނު 5:00 އިން ހަވީރު 6:00 އަށް އޮޕަރޭޓްކުރެވޭނެކަމަށް އޮތޯރިޓީތަކުން ބުނެއެވެ.
އައިއާރްއެންއޭ އިން ބުނާގޮތުގައި މި ދެ ސިޓީން ފްލައިޓްތައް އަލުން ފެށޭނީ ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކުރެވުމުންނެވެ.
އިޒްރޭލުން ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އިރާނުން ރައްދު ހަމަލާދީ މިދިޔަ މަހު އެ ގައުމުގެ ވައިގެ ސަރަހައްދު މުޅިން ބަންދުކުރިއެވެ.
އެމެރިކާ މެދުވެރިވެގެން ދެ ގައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޖޫން 24 ގައި ވަނީ ތަންފީޒުކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށްފަހު، އިރާނުގެ އިރުމަތީ ސަރަހައްދުގެ ވައިގެ ސަރަހައްދު ހުޅުވާލައި، ބައިނަލްއަގުވާމީ ފްލައިޓްތަކަށް ޖާގަވަނީ ހުޅުވާލާފައެވެ.