ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 13:32
އެެމެރިކާގެ ދިދަ އަދި ޖަސްޓިން ޑިޕާޓްމަންޓުގެ ލޯގޯ
އެެމެރިކާގެ ދިދަ އަދި ޖަސްޓިން ޑިޕާޓްމަންޓުގެ ލޯގޯ
ރޮއިޓަރސް
އެމެރިކާ-ޗައިނާ ގުޅުން
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ރެޒިޑެންޓް ވިސާ އޮންނަ މީހެކެވެ. އަނެއް މީހާ ޗައިނާ އިން އެމެރިކާ އަށް އައީ ޓޫރިސްޓް ވިސާގައި މިއަހަރުގެ އެޕްރީލް މަހު އެވެ.
f

އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރެއިން ޗައިނާ އަށް މައުލޫމާތު ވިއްކައި، ޖާސޫސުކޮށް ދޭނެ ބަޔަކު ހޯދަން މަސައްކަތް ކުރި ޗައިނާގެ ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އެޖެންޓުން ކަމަށް ބެލެވޭ ދެ މީހެއްގެ މައްޗަށް އެމެރިކާ އިން ދައުވާ އުފުލާފައިވާ އިރު، އެމެރިކާގެ ނޭވީ ބޭސް ތަކުން އިންޓެލިޖެންސް އެއްކޮށް، ބެއިޖިން އަށް ޖާސޫސުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ނޭވީ ސިފައިން ހޯދަން އެމީހުން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުގެ ބަދަލުގައި، 2022 ވަނަ އަހަރު އުތުރު ކެލިފޯނިއާގެ ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ލޮކަރެއްގައި މަދުވެގެން 10،000 އެމެރިކާ ޑޮލަރުގެ "ޑެޑް ޑްރޮޕް ޕޭމަންޓް" އެއް އެ މީހުން ހަމަޖެއްސި ކަމަށް ވެސް ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.

އެހެން ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް، ނުވަތަ މައުލޫމާތު ދިނީ ސީދާ ކޮން ބައެއްކަން ހާމައެއް ނުކުރެ އެވެ. ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ރެޒިޑެންޓް ވިސާ އޮންނަ މީހެކެވެ. އަނެއް މީހާ ޗައިނާ އިން އެމެރިކާ އަށް އައީ ޓޫރިސްޓް ވިސާގައި މިއަހަރުގެ އެޕްރީލް މަހު އެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއާ ހަވާލާދީ ރޮއިޓަރސް އިން ބުނީ އެ މައްސަލައިގެ ތަފްސީލް ނޭނގޭ ކަމަށާއި ނަމަވެސް ޗައިނާ ރައްޔިތުންގެ ގާނޫނީ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޗައިނާ އިން އަޅާނެ ކަމަށެވެ.

މި މައްސަލައިގައި އެފްބީއައިގެ ވެރިޔާ ކާޝް ޕަޓޭލް ވިދާޅުވީ، މައުލޫމާތު ދޭ ފަރާތްތަކަށް ފައިސާ ދިނުމަށް ޑެޑް-ޑްރޮޕް ފަދަ ސިއްރު އުކުޅުތައް ބޭނުން ކޮށްގެން އެމެރިކާ ތެރޭގައި ހިންގުމަށް ރާވާފައިވާ ޕްލޭން ކާމިޔާބުކަމާ އެކު ތަންފީޒު ކުރެވިދާނެ ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ގަބޫލުކުރި ކަމަށެވެ. އެހެން ނަމަވެސް އެކަން އެހެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް