ކ. މާލެ
|
2 ޖުލައި 2025 | ބުދަ 17:36
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މަޖިލިސް
އެޕޮއެންޓްމަންޓުތަކުގެ ކިޔު ކުޑަކުރުން
ޖީޕީ ކްލިނިކްގެ ޚިދުމަތް މިމަހު ލިބޭނެ، އެއާއެކު ޑޮކްޓަރަށް ދައްކައި، ޓެސްޓުތައް ހެދުމަށް އޮންނަ ކިޔު ކުޑަވާނެ: އައިޖީއެމްއެޗްގެ ސީއީއޯ
ޕޭޝަންޓެއްގެ ރިޕޯޓުން ސީރިއަސް ކަމެއް ފާހަގަވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި، ފަރުވާ ދެވޭނެ ގޮތަކަށް އަމަލުކުރޭ
ބަލި މީހާއަށް ސީދާ ދައްކާނެ ސްޕެޝަލިސްޓެއް ނޭނގި، އެކިއެކި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަން ނޯޓުކުރޭ
f

ޖީޕީ ކްލިނިކް މިމަހުގެ ތެރޭގައި ހުޅުވައި ޚިދުމަތްދޭނެ ކަމަށާއި، އެއާއެކު ޑޮކްޓަރަށް ދައްކައި، ޓެސްޓުތައް ހެދުމަށް އޮންނަ ކިޔު ކުޑަވާނެ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް ވިދާޅުވީ އައިޖީއެމްއެޗަށް ޓެސްޓުތައް ހެދުމަށް އަންނަނީ ހަމައެކަނި ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާ ޕޭޝަންޓުން އެކަނި ނޫން ކަމަށާއި، ޕްރައިވެޓް ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށްފަހު ޓެސްޓުތައް ހެދުމަށާއި، ސްކޭންތައް ހެދުމަށް ވަރަށް ގިނަ ޕޭޝަންޓުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ ނިޒާމަށް އިޝާރާތް ކުރައްވައި ހަލީމް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށްފަހު، ޓެސްޓުތައް ހަދާފައި 5 ދުވަސް ނުވަތަ އެ އޮންނަ މުއްދަތެއްގެ ތެރޭގައި ރިޕޯޓު ދައްކަންޖެހޭ ކަމަށެވެ. އަދި ބައެއް ޑިޕާޓްމަންޓުތަކުގައި ސްޕެޝަލިސްޓުން މަދު ކަމަށާއި، އެކަމުގެ ދަތިކަން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕޭޝަންޓެއްގެ ރިޕޯޓުން ސީރިއަސް ކަމެއް ފާހަގަވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި، ފަރުވާ ދެވޭނެ ގޮތަށް އަމަލުކުރާ ކަމަށާއި، އެފަދަ ޕޭޝަންޓުންނަށް އިސްކަން ދޭ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ އެހެން ކިޔުއެއް ކަމަށެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ ބަލި މީހާއަށް ސީދާ ދައްކާނެ ސްޕެޝަލިސްޓެއް ނޭނގި، އެކިއެކި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަން ނޯޓުކުރާ ކަމަށެވެ. އެހެންކަމުން އެޕޮއެންޓްމަންޓް ކިޔު ދިގުވާ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖީޕީ ކްލިނިކްގެ ޚިދުމަތް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށާއި، އެއާއެކު ޕޭޝަންޓު ޑޮކްޓަރަށް ދެއްކުމުން އެ ޑޮކްޓަރު ވަކި ސްޕެޝަލިސްޓަކަށް ދެއްކުމަށް ރިފާ ކުރާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން ބަލި މީހާގެ ވަގުތު ސަލާމަތްވެ، ކުރިއަށްދާ ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕޮއެންޓްމަންޓަށް ރިކުއެސްޓް ކުރައްވާ ގިނަ ބޭފުޅުންނަކީ ރިފަރަލް ނިޒާމެއްގެ ތެރެއިން ނޫން މިއަންނަނީ އެޕޮއެންޓްމަންޓް ނޯޓު ކުރުން. އެހެންވީމަ އެއަށް ހައްލުތަކެއް ގެނެވިއްޖެއްޔާ އަޅުގަނޑުމެންނަށް ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފާ ކުރެވިގެން އެޕޮއެންޓްމަންޓް ލިބޭނެ ނިޒާމެއް ގާއިމްކުރެވިގެންދާނެ. ދެން އެކަމަށް އަޅުގަނޑުމެން ޖީޕީ ސިސްޓަމެއް ތައާރަފް ކުރަނީ. ޖީޕީ ކްލިނިކް ހެދުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ޖީޕީ ކްލިނިކް އަޅުގަނޑުމެން ހުޅުވާނީ. ދެން ޖީޕީ ކްލިނިކް ހުޅުވުނީމަ ޖީޕީ ކްލިނިކަށް ދައްކާފައި އެ ޑޮކްޓަރަކު ސްޕެޝަލިސްޓަކަށް ރިފަރ މި ކޮށްދެއްވަނީ. ކޮށްދެއްވާއިރުގައި އޭގެ ތެރެއިން އެޕޮއެންޓްމަންޓް ލިބިގެންދާނީ އެނގޭތޯ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް

ހަލީމް ވިދާޅުވީ އެޕޮއެންޓްމަންޓްގެ ކިޔު ކުޑަކުރުމަށް ނައިޓް އޯޕީޑީގެ ޚިދުމަތް ދެމުންދާ ކަމަށާއި، މިމަސައްކަތުން ވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

25 އޮކްޓޫބަރު 2024 ގައި ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހަލީމް ވިދާޅުވީ މާލެ ހޮސްޕިޓަލްސް ގްރޫޕުން މާލޭގެ ހަތަރު ސަރަހައްދެއްގައި ޖީޕީ ކްލިނިކް ހުޅުވައި ރިފަރަލް ސިސްޓަމަކަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މި ޚިދުމަތް ދެވިފައިނުވެއެވެ.

- ކޮމެންޓް