މި ސަރުކާރުން އުތުރުގައި ފެށި ބަންކަރިންގެ ޚިދުމަތް ރަނގަޅަށް ނުދެވި ފެއިލްވެފައި ވަނިކޮށް، ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތުގެ މަޝްރޫއު ފެށުމަށް އިންވެސްޓަރުން ހޯދަން ހުޅުވާލައިފި އެވެ.
ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު ހުޅުވާލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ސިންގަޕޫރަށް ކުުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިންނެވެ.
ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް އިންވެސްޓަރުންނަަށް ފުރުސަތު ހުޅުވާލުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރުތަކަށް ބަންކަރިންގެ ޚިދުމަތް ދިނުމުގައި ފަސޭހަތަކެއް ހުންނާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގެ އިތުރުން، ބަނދަރާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ ޤާއިމު ކުރުން، ސަޕޯޓް އިންފްރާސްޓްރަކްޗާ ޤާއިމު ކުރުން އަދި ސްޓޮރޭޖް ފެސިލިޓީ ޤާއިމު ކުރުން ހިމެނެ އެވެ. ނަމަވެސް، މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އެ ފޯރަމްގައި ވެސް ހާމަކޮށްފައި ނުވެ އެވެ.
ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އިންވެސްޓަރުން ހޯދުމަށް ހުޅުވާލިއިރު، މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށިއިރު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އޭރު ވިދާޅުވެފައި ވަނީ ބަންކަރިންގެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ބަދަލުވެގެން ދާނެ ކަމަށާއި، އެއް އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީގެ ތަފުސީލު ހޯދުމަށް އެކި ފަަހަރު މަތިން ނޫސްވެރިން ސުވާލު ކުރިއިރު ވެސް، މިނިސްޓަރު ސައީދު އެކަން ބުނެދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި ވަޒީރު ވިދާޅުވަމުން ގެންދެވީ ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކަމަށާއި، ބަންކަރިންގެ އާމްދަނީގެ މައުލޫމާތު އެސްޓީއޯ އިން ސާފު ކުރެއްވުމަށް އެދޭ ކަމަަށެވެ.