ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ އާއި މެދު ސުވާލުކުރުމުން ބަންކަރިން އާއި ގުޅުން ހުރި އެހެން ވާހަކަތަކެއް ދައްކަވާ، އަސްލު ސުވާލަށް ޖަވާބުދެއްވުމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރެކިވަޑައިގަންނަވައިފިއެވެ.
ބަންކަރިން އާއި މެދު ސައީދު ވާހަކަދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ.
އަމީން ސުވާލުކުރައްވާފައި ވަނީ އުތުރުގައި ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ރާއްޖެ އިން ބޭރުގެ ކިތަށް އުޅަނދަށް ޚިދުމަތްދީފައިވޭތޯ އާއި ޚަރަދު ކަނޑާ އެ އޮޕަރޭޝަނަށް މިހާތަނަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދު ސާފުކުރުމަށެވެ. އަދި މިހާރު އާމްދަނީ ލިބޭ ރޭޓުން ބަލާ ނަމަ އެކަމުން ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި 400 މިލިއަން ޑޮލަރު ހަމަ ވާނީ ކޮން ދުވަހަކުތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.
އެހެންނަމަވެސް އަމީންގެ އެ ސުވާލަށް ވަޒީރު ޖަވާބެއް ނުދެއްވައެވެ. ހޯމަ ދުވަހާއި ހަމަ އަށް ބަންކަރިން ޚިދުމަތުން ލިބުނީ 192،149،939ރ. ގެ އާމްދަނީއެއް ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ އެ މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި އެ ހިދުމަތުން 17 މިލިއަން ރުފިޔާ ލިބުނު ކަމަށް ފާހަގަކުރައްވާފައެވެ.
ސައީދުގެ ވާހަކަތައް ބައްޓަން ކުރައްވާފައި ވަނި ހަގީގަތް އޮޅޭ ގޮތަށެވެ. އެގޮތުން ވަޒީރުގެ ވާހަކަ އިން އިންޓަރނޭޝަނަލް ބަންކަރިން ފެށީ މި ސަރުކާރުން ކަމަށް ދޭހަވި ނަމަވެސް ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދޭތާ އެތައް ޒަމާނެއް ވަނީ ވެފައެވެ. އެކަމުގައި އެސްޓީއޯގެ އިތުރުން އަމިއްލަ ކުންފުނިތައް ވެސް ބައިވެރިވެއެވެ. މިނިސްޓަރ މަޖިލީހުގައި ހާމަކުރެއްވި އަދަދުތަކަކީ ބަންކަރިންގެ ޚިދުމަތުން ލިބިފައިވާ ޖުމްލަ އަދަދު ކަމަށް ވެދާނެއެވެ. އެހެން ކަމަށްވާ ނަމަ އޭގެ ބޮޑު ބައެއް ލިބިފައި އޮންނާނީ ބަންކަރިން ޚިދުމަތް ޒަމާނުއް ސުރެ އެންމެ ބޮޑަށް ދެމުން އަންނަ މާލޭ ސަރަހައްދަށެވެ. މެމްބަރު އަމީން ސުވާލުކުރައްވާފައި ވަނީ އިހަވަންދިއްޕޮޅުގެ ބަންކަރިން އިން ލިބުނު އާމްދަނީ އާ ބެހޭ ގޮތުންނެވެ.
މީގެ ކުރިން އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތުން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެ ވާހަކަތައް ވަޒީރު ވަނީ ބަދަލުކުރައްވާފައެވެ.
ބަންކަރިންގެ ހިދުމަތާއެކު ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތް ފަދަ އިތުރު ޚިދުމަތްތައް ފަށާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ބަންކަރިން ހިދުމަތާއެކު ފަށަން ބުނި 14 ހިދުމަތުގެ އަޕްޑޭޓަކާއި މެދުގައި މެމްބަރު އަމީން ސުވާލުކުރުމުން އެ ސުވާލަށް ވެސް ވަޒިރަށް ޖަވާބުދެއްވިފަ އެއް ނުވެއެވެ.
ބަންކަރިން އާއި މެދު އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް މިނިސްޓަރ ސައީދު އާއި ސަރުކާރުގެ އެކި ފަންތީގެ ވެރިން ދަނީ ތަފާތު ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގެ ބަންކަރިންގެ ހިދުމަތް އިފްތިތާހުކުރީ 19 ސެޕްޓެމްބަރ 2024ގައެވެ. އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި ބަންކަރިންގ ޚިދުމަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.