ސަރުކާރުން ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބިފައިވާ އާމްދަނީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެ މައުލޫމާތު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯދުމަށް އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދޭނެ ކަމަށް ވަޒީރު ސައީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި 20 މިލިއަން ޑޮލަރު އިންވެސްޓު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފައިދާ އަހަރެއް ވާ އިރު ލިބޭނެ ކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަޒީރު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ސަރުކާރުން ހުއްޓާލާފައި ނުވާ ކަމަށެވެ. ވަޒީރު ވިދާޅުވީ އެސްޓީއޯ އިން އަންނަނީ ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދަމުން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައި ވަނީ ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީއާ ގުޅޭ ގޮތުން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަ "ޓްވިސްޓް" ކުރަނީ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވި ނަމަވެސް، މީގެ ކުރިން ވަޒީރު ވިދާޅުވެފައި ވަނީ ބަންކަރިންގެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ބަދަލުވެގެން ދާނެ ކަމަށާއި، އެއް އަހަރު ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ސައީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ހަވާލުކޮށްގެން ކުރިއަށް ގެންދަނީ އެސްޓީއޯ އިން ކަމަށާއި، ބަންކަރިންގ އިން ލިބުނު އާމްދަނީ އެ ކުންފުނީގެ ރެކޯޑުތަކުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށި ކަމަށްޓަަކައި، އެސްޓީއޯ އިން ރެކޯޑު ކުރާ ކޮންމެ އަދަދެއް މީޑިއާތަކާ ކޮންމެ ދުވަހަކު ހިއްސާ ނުކުރެވިދާނެ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ އެއްވެސް ތަފުސީލެއް ހިއްސާ ނުކުރައްވައި ވަޒީރު ވިދާޅުވީ، އެ ތަފުސީލު އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަމުން އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އަންނަ ކަމަށާއި، އަމާޒު ކުރި ވަރަށް މަސައްކަތްތަކެއް ކުރިއަރައިގެން ދާ ކަމަށެވެ.
އަޅުގަނޑުމެން އެ މަސައްކަތް ހަވާލު ކޮށްގެން ކުރިއަށް މިގެންދަނީ، އޭރު ވެސް މިއަދު ވެސް އެސްޓީއޯ އާއި. އެސްޓީއޯގެ ބުކްސް އަށް އަންނާނެ، އެސްޓީއޯ އަކީ ޕަބްލިކް ހިއްސާދާރުންގެ ކުންފުންޏެއް. ސަރުކާރުގެ ވަރަށް ބޮޑު ޕަސެންޓެއްގެ ހިއްސާ އޮތް ކުންފުންޏެއް. އެހެންވީމާ އެ ބޭފުޅުންގެ ބުކްސްގައި ހުންނާނެ ބަންކަރިންގ އަށް ކިހާ ވަރެއްގެ އާމްދަނީއެއްތޯ ލިބުނީ.
މުޙައްމަދު ސައީދު / އިޤްތިސާދީ ވަޒީރު![]()
ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މަސައްކަތުން ސަރުކާރު ބޭނުންވި ވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށާއި، ބަންކަރިންގެ ޚިދުމަތް މިހާރު ކުރިއަށް ނުދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ބަންކަރިން އިން މިހާތަނަށް ލިބުނު އާމްދަނީގެ އަަދަދު ހިއްސާ ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ބަދަލުގައި ވަޒީރު ވަނީ ބަންކަރިންއާ ގުޅުން ހުރި އެހެނިހެން ވާހަކަތައް ދައްކަވައިފަ އެވެ. އަދި އަދަދެއް ވިދާޅު ނުވެ ވަޒީރު ވިދާޅުވީ، އެކަމުން ލިބޭ ނަފާވެރިކަން ރަނގަޅު ކަމަށެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސައީދު ވަނީ ބަންކަރިންގެ ޚިދުމަތުން އެހާތަނަށް 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ވިދާޅުވެފަ އެވެ.