މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ބޮޑު ސްކޭމް ސަރުކާރެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރައީސް މުއިއްޒު އެންމެ ފަހުން ބޭއްވި 14 ގަޑިއިރުގެ ޕްރެސް ކޮންފަރެންސްގައި ދޮގު މައްޗަށް ދޮގު ހައްދަވާފައިވާ ކަމަށާއި ދެ ގަޑިއިރު ވަންދެން ދެއްކެވި ސްލައިޑް ތަކުގައި މިސަރުކާރުން އަލަށް ފެށި އެއްވެސް މަޝްރޫއުއެއްގެ ވާހަކަ ހިމަނާފައިނުވާ ކަމަށެވެ.
އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުގެ ވާހަކަ ދެއްކެވިއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައު ފަށާފައިވާ މަޝްރޫއުތަކަކީ މިސަރުކާރުން ފައްޓައިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށް ދައްކަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ބަންކަރިންގ ޚިދުމަތުން 400 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ ކަމަށް ބުނެ ދެއްކި ވާހަކައަކީވެސް ބޮޑު ސްކޭމެއް ކަމަށް ވިދާޅުވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިއޮތީ މިއިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަކަށް ގޮސްފައި ކަމަށާއި އިގްތިސާދީ ގޮތުން މި ޤައުމު މި އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
ރާއްޖޭގެ ގްރޮސް ރިޒާވްގައި 591 މިލިއަން ޑޮލަރު ހުރިއިރު އޭގެއިން ބޭނުން ކުރެވޭނޭ ކަމަށް ބެލެވެނީ 129 މިލިއަން ޑޮލަރު. މިއީ ކުރިއަށްވުރެ ދަށް. ލޯން އަނބުރާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ދެއްކި ވާހަކައަށްވާއިރު މިއީ ކޮންމެ ސަރުކާރެއްގައިވެސް ކުރާ ކަމެއް ކަމަށާއި ސަރުކާރެއް ބަދަލުވާ ހިސާބުން އަބަދުވެސް ކުރީގެ ސަރުކާރުގެ ނަގާފައިވާ ލޯންތަކުގެ ދަރަނި ދެން އަންނަ ސަރުކާރުން ދައްކާ. މިވާހަކަ ދެއްކީމާ މިއީ ބޮޑު ޖޯކެއް.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު![]()
ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގެ ވާހަކަ ދެއްކެވި އިރު މުޅިންވެސް ފެނިގެންދިޔައީ މަކަރުވެރި ގޮތަކަށް މިވާހަކަތައްވެސް އޮޅުވާލައިގެން ދެއްކެވި މަންޒަރު ކަމަށް އަމީރު ވިދާޅުވި އެވެ.
އަދި އެންމެ ކަންބޮޑުވާ އެއް ކަމަކީ ކޮންޓްރެކްޓަރުންނަށް ފާއިސާއެއް ނުދެވި، މުޅި މިސިނާއަތް ބަނގުރޫޓްވުމާއި ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށާއި، މިއީ ބޮޑު ކޮރަޕްޝަނުގެ އަމަލެއް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މާލިއްޔަތު ލޫޓްވުމަށް ކުރާ މަސައްކަތުގެ ތެރެއިން ސީދާ ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރާއިރު، ކުންފުނިތަކުގައި މާލީ ކޭޝް ފްލޯގެ ގާބިލްކަން އެ ކުންފުނިތަކުގައި ނެތް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ޝަރުއީ ނިޒާމު ފުޑާލައި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި، ހުދުމުހުތާރު ވެރިކަމެއް ގައުމުގައި ގާއިމްކުރާނަމަ މިގައުމަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުންގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނާނެ ކަމަށެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ގައުމު ވަރަށް ބޮޑަށް ޕްރޮމޯޓް ކުރި ނަމަވެސް ނަތީޖާއެއް ނުފެންނާނެ ކަމަށާއި، ސަރުކާރަށް ފައިސާއެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓް ސަޕޯޓަށް ފައިސާއެއް ނުލިބޭނެ ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް ނުލިބޭ ކަމަށެވެ.