ކ. މާލެ
|
1 ޖުލައި 2025 | އަންގާރަ 10:25
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
މިކަމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓައިލަން ޖެހިދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް މައުރޫފް ވިދާޅުވި
f

ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކަތާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު، މަޢުރޫފް ޒާކިރުއެވެ. އެ މައްސަލަ ބަލައިގަތުމަށް 11 މެމްބަރަކު ވޯޓް ދެއްވި އިރު އެ ކުއްލި މައްސަލަ ބަލައި ނުގަތުމަށް 29 މެމްބަރުން ވަނީ ވޯޓްދެއްވާފައެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެފަ އެއް ނުވެއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބަޔާންކޮށްފައި ވާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަން އެ މައްސަލަ ހުށަހަަޅުއްވަމުން އޭނާ ފާހަގަކުރައްވާފައިވެއެވެ.

މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫން ކަމަށާއި ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގަ ކަމަށް ބުނެފައިވެއެވެ.

އެހެންކަމަށް ވީ ނަމަވެސް ބޭރުފައިސާއާބެހޭ ގަވާއިދަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބަދަލު ގެނެސް، ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ފަރާތްތަކަކުން ބޭންކްތަކަށް ބޭރުފައިސާ މާރުކުރުން 1 އޮކްޓޫބަރު 2024 އިން ފެށިގެން ލާޒިމު ކޮށްފައިވާކަން އެ މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ފާހަގަކުރެއްވިއެވެ.

ޓޫރިސްޓު ފެސިލިޓީތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން މަޖުބޫރުކޮށްފައި ވާތީ، އެ ގަވާއިދަށް އަމަލުކުރަން ދަތިވާ ކަމަށް ބަޔާންކޮށް، 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

ޑޮލަރު މާރުކުރުން ލާޒިމުކުރުން އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ބިލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، 12 ޑިސެންބަރު 2024 ގައި ބިލު ފާސްކޮށް،ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރައްވާފައިވެއެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ޤާނޫނު ނަންބަރު: 32/2024 (ބޭރު ފައިސާއާބެހޭ ޤާނޫނު) ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ. އެ ޤާނޫނުނަށް ޢަމަލުކުރަން ފެށި ނަމަވެސް، އިންސާފުވެރިކަމާއި އިޚްލާސްތެރިކަމާއެކު ތަންފީޒުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ ކަޅުބާޒާރެއް ރަސްމީކޮށް އުފެދިފައިވާކަން ހާމަވާން އޮތް ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މި ބަދަލާއި އެކު ކުރީންސުރެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެމުން އައި ބޮޑެތި ކުންފުނިތަކުންވެސް، ޑޮލަރުން މުސާރަދިނުން ހުއްޓައިލައި، އޭގެ ބަދަލުގައި ރުފިޔާ ދޭން ފަށާނެކަން މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ %60 މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ނަގާ ގޮތަށް އޮތް އޮތުން، 1 ޖޫން 2025 އިން ފެށިގެން ބަދަލުކޮށް، އެ ޑޮލަރުގެ %90 އިންސައްތަ ނަގާގޮތަށް ބަދަލުކޮށްފައިވަނީ، ސަރުކާރަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ބޭނުމުގައިކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން، މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވުމާއި އަދި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުންވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި ޑޮލަރު ލިބުންދަތިވުމާއެކު ވިޔަފާރިތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެ މައްސަލައިގައި އޭނާ ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ، މި އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގެންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފާއިތުވި ޖޫން މަހުގެ 30 ވަނަ ދުވަހު އިއުލާނުކުރި ބަދަލުތަކުގެ ތެރޭގައި، އެ ބޭންކުގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭ.ޓީ.އެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނެގުމާއި، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނެގުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން އެ މައްސަލައުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރުފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

މިކަންކަމަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމަ އެހެންމެ، މިކަމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓައިލަންޖެހި، ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ބައެއް ތަކެތި ހުސްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް