ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހަޅާފައި ވަނީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބެނުމަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްކަން ކަށަވަރުކުރުމަށްޓަކާ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ޤާނޫނުގަ ކަނޑައެޅުމާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުލޭގޮތުން ޤާނޫނުގައި ކަނޑައަޅާފައުވާ އުސޫލުތައް އިތުރަށް ތަފްސީލްކުރުމަކީ މި ބިލުގެ ބޭނުމެއް ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ ފަނޑިޔާރުންގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަ ކަމަށް ވެސް ސައުދުﷲ ހުށަހެޅުއްވި އެ ބިލުގައި ވަނީ ބުނެފައެވެ.
މި ބިލުގައި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުސޫލުތަކުގެ އިތުރުން ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ. ފަނޑިޔާރުންނަށް ވިޔަފާރި ކުރެވޭނެ އުސޫލުތަކާއި މާލީ ބަޔާން ހުށަހަޅަންޖެހޭ އުސޫލުތައް މުރާޖައާ ކުރުމަކީ ވެސް ބިލުގެ މުހިންމު ބޭނުމެއް ކަމަށް ބިލް ހުށަހަޅަމުން ބުނެފައިވެއެވެ.
ހަމައެހެންމެ ފަނޑިޔާރުން މަގާމުގައި ތިބެ ކޮށްގެންނުވާނޭ ކަންކަމުގެ ބައި އިސްލާހު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ ފަނޑިޔާރަކު މައްސަލައަކާ ހަވާލުވާތާ 1 އަހަރު ތެރޭގައި އެ މައްސަލަ އާއި މެދު ގޮތެއް ނުނިމޭ ނަމަ، އެކަން ސަބަބާއެކު ކޯޓުން އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް ވެސް އަންގައި، ކޮންމެ މަހަކު އެ މައުލޫމާތު އިސް ފަނޑިޔާރަށް ދޭން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން ދީފައި އޮންނަނީ 6 މަސް ދުވަހެވެ.