ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި، އީރާނަށް ޔުރޭނިއަމް ފައްކާ ކުރުމުގެ ޤާބީލުކަން ލިބިފައިވާ ކަމަށް އދ ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ، ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.
ގްރޮސީ ވިދާޅުވެފައި ވަނީ، އިސްރާއީލާއި އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީ ގެއްލުންތަކެއް ދީފައި ވީ ނަމަވެސް، މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޔުރޭނިއަން ފައްކާ ކުރުމާއި އުފެއްދުމުގެ ޤާބިލުކަން އީރާނަށް ލިބިގެންވާ ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ ވަނީ، އީރާންގެ ބައެއް ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. އޭގެ ފަހުން އީރާނާއި އިސްރާއީލާ ދެމެދު ހަމަލާތަކެއް ބަދަލު ކުރަމުން ދަނިކޮށް، އެެމެރިކާ އިން ވެސް ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒު ތަކަކަށް ހަމަލާ ދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދިން އެ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ދިން ހަމަލާގެ ސަބަބުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހަލާކުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަހަރުތަކެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ގްރޮސީ ވިދާޅުވެފައި ވަނީ، އީރާންގެ ބައެއް ނިއުކްލިއާ މަރުކަޒުތައް އަދިވެސް ހުރި ކަމަށެވެ. އަދި ސެންޓްރިފިއުޖުތައް ބޭނުން ކޮށްގެން ޔުރޭމިއަން ފައްކާ ކުރުމާއި އުފެއްދުމުގެ ޤާބިލުކަން އަދިވެސް އީރާނަށް ލިބިދާނެ ކަމަށް ވެސް ގްރޮސީ ވިދާޅުވެފައިވެ އެވެ.
މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 60 އިންސައްތަ އަށް ފައްކާ ކޮށްފައިވާ 408.6 ކިލޯގެ ޔުރޭމިއަން ސްޓޮކް ޕައިލްއެއް އީރާންގައި ހުރި ކަމަށް ވެސް ބެލެވެ އެވެ. އެހެން ނަމަވެސް ގްރޮސީ ވިދާޅުވެފައި ވަނީ ހަމަލާތަކުގެ ކުރިން އެ ތަކެތި އެހެން ތަނަކަށް ބަދަލު ކޮށްފައިވޭތޯ، ނުވަތަ ހަލާކުވެފައިވޭތޯ ބުނަން ނޭނގޭ ކަމަށެވެ.
މިވަގުތު އައިއޭއީއޭ އަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން މެދު ކަނޑާލުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އީރާންގެ ބައެއް ނިއުކްލިއާ މަރުކަޒުތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ޙާލަތު ބައްލަވާ ލެއްވުމަށް ގްރޮސީ އެދިވަޑައިގެންފައިވީ ނަމަވެސް، އީރާން އިން ވަނީ އެކަމަށް ހުއްދަ ނުދޭން ނިންމައިފަ އެވެ.