ކ. މާލެ
|
25 ޖޫން 2025 | ބުދަ 09:17
އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލި ފަހުން ތެެހެރާނުގެ އިންގިލާބީ މައިދާނުގައި އިސްމާއީލް ޣަނީ ހުއްޓާ ފެންނަ މަންޒަރެއް
އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލި ފަހުން ތެެހެރާނުގެ އިންގިލާބީ މައިދާނުގައި އިސްމާއީލް ޣަނީ ހުއްޓާ ފެންނަ މަންޒަރެއް
ސްކްރީން އިމޭޖް
އިސްރާއީލް-އީރާން ހަނގުރާމަ
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
ޤުދުސް ބާރުގެ އިސްވެރިޔާ އިސްމާއިލް ޣަނީ އަންގާރަ ދުވަހުގެ ރޭ އަލުން ފެނުނީ އިސްރާއީލުގެ މައްޗަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް ތެހެރާނުގައި ބޭއްވުނު އާންމު އުފާ ފާޅު ކުރުމުގެ ތެރެއިން

އިސްރާއީލުގެ ހަމަލާއެއް ގައި މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނިކޮށް، އިރާނުގެ އިސް ޖެނެރަލް އިސްމާއިލް ޣަނީ ތެހެރާނުން އަލުން ފެނިއްޖެއެވެ.

12 ދުވަހު އެއްވެސް ޚަބަރެއް ނެތި، އަދި މަރުވެފައިވާ ކަމަށް ރިޕޯޓުތަކެއް ނެރެފައިވަނިކޮށް، އިރާނުގެ ޤުދުސް ބާރުގެ އިސްވެރިޔާ އިސްމާއިލް ޣަނީ އަންގާރަ ދުވަހުގެ ރޭ އަލުން ފެނުނީ އިސްރާއީލުގެ މައްޗަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް ތެހެރާނުގައި ބޭއްވުނު އާންމު އުފާ ފާޅު ކުރުމުގައެވެ.

62 އަހަރުގެ ޣަނީ ފެނުނީ އިންޤިލާބު މައިދާނުގައި އިރާނުގެ ދިދަ ހިފައިގެން ތިބި ބަޔަކާ ވާހަކަ ދައްކަނިކޮށްނެވެ. އާންމު ހެދުމެއްގައި ކަޅު ބޭސްބޯޅަ ތޮތްޕެއް އަޅައިގެން ހުރި ޤުދުސް ބާރުގެ އިސްވެރިޔާ ފެނުނީ ރަނގަޅު ސިއްޙަތެއްގައި ހުރި ގޮތަށެވެ. އިރާނުގެ މީޑިއާތަކުން ހަނގުރާމައިގެ ތެރޭގައި އޭނާ ހުރި ތަނަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޣަނީ އަކީ 2020 އިން ފެށިގެން ޤުދުސް ބާރު - އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބޭރުގެ އޮޕަރޭޝަންތަކުގެ ބައި ގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެވެ. އޭނާ މި މަޤާމަށް އައީ އޭނާގެ ކުރިން އެ މަގާމުގައި ހުރި، ޤާސިމް ސުލައިމާނީ، ބަޣުދާދު އެއަރޕޯޓުގައި ހުއްޓާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ހުއްދަ އާ އެކު ދިން ޑްރޯން ހަމަލާއެއްގައި މަރާލުމަށްފަހުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަކީ އިސްރާއީލުން އީރާނާ ދެކޮޅަށް ފަހުން މި ކުރި ހަނގުރާމަ "އޮޕަރޭޝަން ރައިޒިންގ ލަޔަން" ގެ ފެށުމުގެ މަރުޙަލާގައި އަމާޒު ކުރެވުނު މުހިންމު ޓާގެޓެކެވެ.

ޖޫން 13 ގައި ނިއު ޔޯކް ޓައިމްސްއިން ނަން ހާމަ ނުކުރާ މަސްދަރުތަކަކަށް ބިނާކޮށް ރިޕޯޓުކުރި ގޮތުގައި ޣަނީ އާއި އިރާނުގެ އެހެން އިސް ކޮމާންޑަރުން ތަކެއް އިސްރާއީލުގެ ހަމަލާއެއްގައި މަރުވެފައިވެއެވެ. އެ ރިޕޯޓު ރަސްމީކޮށް ކަށަވަރުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ އަންގާރަ ދުވަހު އަލުން ފެނުމުން އެ ރިޕޯޓު ދޮގުކަން ސާބިތު ވެގެން ދިޔައެވެ.

މިއީ ޣަނީ އާންމުންގެ ލޯމަތިން ވާނުވާ އެއް ނޭނގި ގެއްލުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު، އިސްރާއީލުން ޙިޒްބުﷲގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ އާއި އިރާނުގެ އެހެން ގާތް ފަރާތްތަކެއް މަރާލި ހާދިސާ ތަކާ ގުޅިގެން އޭނާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހަށް "ގެއްލުނެވެ."

އޭނާ ލޯމަތިން ގެއްލުމުން ފެތުރުނު ވާހަކަތަކުގެ ތެރޭގައި އިރާނުގެ ސަރުކާރުން އޭނާ ހައްޔަރުކޮށް، އިސްރާއީލުގެ އިންޓެލިޖެންސް އަށް ސިއްރުން އެއްބާރުލުން ދޭތޯ ބަލައި ސުވާލު ކުރި ކަމުގެ އަޑުތަކެއް ހިމެނެއެވެ. އަދި ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނީ ސުވާލު ކުރުމުގެ ތެރޭގައި އޭނާ އަށް ހާޓް އެޓޭކެއް ޖެހުނު ކަމަށެވެ. ތެހެރާނުން މި ރިޕޯޓުތައް ދޮގުކުރިއެވެ. އަދި ޣަނީ އަލުން ފެނުނީ އޮކްޓޯބަރު 15 ވަނަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީ އިން، ނަޞްރުﷲ އާއެކު މަރުވި ޤުދުސް ބާރުގެ ކޮމާންޑަރެއްގެ ޖަނާޒާ ގައެވެ.

- ކޮމެންޓް