ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 19:14
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު (ވ) އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް ޑޭން ކެއިން ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ - ޖޫން 22، 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު (ވ) އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް ޑޭން ކެއިން ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަންނަވަނީ - ޖޫން 22، 2025
އޭއެފްޕީ
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ހަމަލާ ދިނުމުގެ "އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގައި 125 އަށް ވުރެ ގިނަ މަތިންދާ ބޯޓު ބައިވެރިވި
އޮޕަރޭޝަން ގައި ގާތްގަނޑަކަށް 75 "ޕްރިސިޝަން ހަތިޔާރު" ބޭނުންކުރެވުނު ކަމަށާއި، އޭގެ ތެރޭގައި 14 "ބަންކަރ ބަސްޓަރ" ބޮން ހިމެނޭ ކަމަށް އެމެރިކާ އިން ބުނޭ

އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ހަމަލާ ދިނުމަށް އެމެރިކާ އިން ހިންގި "އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގައި 125 އަށް ވުރެ ގިނަ މަތިންދާބޯޓު ބައިވެރިވި ކަމަށް އެމެރިކާ ގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.

"އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުން އަޅުގަނޑުމެންގެ ޤައުމީ މަޞްލަޙަތުތަކަށް ކުރިމަތި ވެފައިވާ ނުރައްކާ ތަކާއި، އަޅުގަނޑުމެންގެ ސިފައިންނާއި އަޅުގަނޑުމެންގެ އެކުވެރި އިސްރާއީލު ދިފާޢު ކުރުމަށް ޓަކައި ރައީސް ވަނީ އޮޕަރޭޝަނެއް ހިންގުމަށް ހުއްދަދެއްވާފައި،" ކަމަށް އީރާނާ ދެކޮޅަށް ދިން ހަމަލާ އާ ބެހޭ ގޮތުން ޕެންޓަގަންގައި ނޫސްވެރިންނަށް ދެއްވި ބްރީފިންގެއްގައި އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވިއެވެ.

"އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގެ ނަމުގައި ކުރިއަށް ގެންދެވުނު މި އޮޕަރޭޝަން އާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދިއްތަ ދުވަހު އެމެރިކާގެ އެންމެ އިސް ޖެނެރަލްގެ އަރިހުގައި ހުންނަވައި، ހެގްސެތް ވަނީ ތެހެރާނަށް އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އަދިވެސް އީރާނަށް ހަމަލާ އެއް ދޭން ޖެހިއްޖެ ނަމަ އެކަން ކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަަމަށެވެ.

"ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ އޮތީ އަޅުގަނޑުމެންގެ ރައްޔިތުން ދިފާޢު ކުރުމަށް ތައްޔާރަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕެންޓަގަން ގައި އޮތް މި ނޫސް ކޮންފަރެންސް ގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވީ އެމެރިކާގެ ސިފައިން ވަނީ މަތީީ ދަރަޖައިގެ ސަމާލުކަމެއްގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ބާރުތައް ވަނީ މަތީ ދަރަޖައިގެ ސަމާލުކަމެއްގައި އަދި އީރާނުން ނުވަތަ އެމީހުންގެ ޕްރޮކްސީތަކުން އަންނަ ކޮންމެ ހަމަލާ އަކަށް ރައްދު ދިނުމަށް ފުރިހަމަ އަށް ތައްޔާރަށް.....އަޅުގަނޑުމެން އަމިއްލަ ނަފްސު ދިފާޢުކުރާނަން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން ވަރަށް ސިއްރިއްޔާތުގައި ރާވާ ތަންފީޒު ކުރި މި އޮޕަރޭޝަން އާ ބެހޭ ގޮތުން ތަފްސީލު ދެއްވަމުން ހެގްސެތް ވިދާޅުވީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަށް ހަމަލާ ދިނީ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތުގައި ކަމަށެވެ.

"އަޅުގަނޑުމެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑުފުނޑު ކޮށްލައިފިން،" ހެގްސެތް ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، މި އޮޕަރޭޝަން ގައި އީރާނުގެ ސިފައިންނަށް ނުވަތަ އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ އެއް ދީފައި ނުވާނެ ކަމަށެވެ.

އޭގެ އިތުރުން އެނާ ވިދާޅުވީ "މި މިޝަނަކީ، އީރާނުގެ، ވެރިކަން ބަދަލުކުރުމާ ގުޅޭ ކަމެއް ނޫން،" ކަމަށެވެ.

ޖެނެރަލް ކެއިން ވިދާޅުވީ ބޮން އަޅާ މަތިންދާ ބޯޓުތައް ފުރީ އެމެރިކާ އިން ކަމަށާއި، އަދި އޮޅުވާލުމުގެ ގޮތުން އޭގެ ތެރެއިން ބައެއް ބޯޓު" ހުޅަނގު ޕެސިފިކް ކަނޑާ ދިމާލަށް ދިޔަ ކަމަށެވެ.

އޮޕަރޭޝަން ގައި ގާތްގަނޑަކަށް 75 "ޕްރިސިޝަން ހަތިޔާރު" ބޭނުންކުރެވުނު ކަމަށާއި، އޭގެ ތެރޭގައި 14 "ބަންކަރ ބަސްޓަރ" ބޮން ހިމެނޭ ކަމަށް ޖެނެރަލް ކެއިން ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ހެގްސެތް ފާހަގަ ކުރެއްވި ގޮތުގައި މި އޮޕަރޭޝަންގެ ތެރޭގައި އެމެރިކާ އިން އެއްވެސް ވަޒަނެއް ޖަހާފައިވާ ނުވާ ކަމަށާއި، ބޮން އަޅާ މަތިންދާ ބޯޓުތައް މިހާރު އެމެރިކާ އަށް އެނބުރި ދަތުރު ކުރަމުން ދާ ކަމަށެވެ.

- ކޮމެންޓް