ސްޕެއިން އަށް ދާ ދިވެހިންނަށް ވިސާ ހަމަޖެއްސުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާދީ، ފަސޭހައިން އެ މަރުހަލާ ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ސްޕެއިން އިން ކަނޑައަޅުއްވާފައިވާ އޮނަރަރަރީ ކޮންސުލް އިބްތިޝާމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވި ބާސެލޯ ނަސަންދުރާގައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަުންނެވެ. ސްޕެއިން އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދިއުމަކީ އުންމީދުކުރައްވާ ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭވިއޭޝަންގެ ދާއިރާ އާއި ފުޓްބޯޅަކުޅުން ފަދަ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގައި ސްޕެއިން އިން ދިވެހިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދާދެވިފައިވާ ކަމަށް އިބްތިޝާމް ވަނީ ވިދާޅުވެފައެވެ.
ސްޕެއިން އިން ރާއްޖެ އަށް އަންނަ ސީދާ ފްލައިޓްތައް އިތުރުވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ އިތުރުން އިންވެސްޓްމެންޓާއި އެކްސްޕޯޒަރގެ ދާއިރާ އިން ރާއްޖޭގައި ހުރި ފުރުސަތުތަކަކީ ކޮބާތޯ ބަލާ ދެ ޤައުމު އެކުގައި ކުރިއަށް އޮތްތަނުގައި މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އުތުރުން އިބްތިޝާމް ވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުން ސަޤާފީ އާދަކާދަ ދިރުވާ އާލާކުރުމުގައި ވެސް އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތައް ހުރިކަން ފާހަގަކުރައްވާފައެވެ.
އިބްތިޝާމް ވިދާޅުވީ އޭނާގެ ޒިންމާތައް ވަރަށް ގިނަ ގުނަ ކަމަށާއި ރާއްޖެ އަށް އަންނަ ސްޕެއިންގެ މީހުންނާއި ގުޅުން ހުރި ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. ޚާއްސަކޮށް ސްޕެއިން އިން ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ އިރު އެ މީހުންނާއި ގުޅުން ހުރި ކަންކަން ވިލަރެސްކުރުމުގެ ކަންކަން ހިނގާ ގޮތް ބެއްލެވުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ ރާއްޖެއިން ސްޕެއިން އަށް ދާ ފަތުރުވެރިންނާއި ގުޅުން ހުރި ކަންކަމާއި ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމުގައި ވެސް އެނާ މުހިންމު ދައުރެއް އަދާކުރައްވާނެކަން އިބްތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.
އިބްތިޝާމް ވަނީ ސްޕެއިން އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމުގައި އޭނާ އަށް މުހިންމު ދައުރެއް އަދާކުރެވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އިބްތިޝާމް އަކީ ސްޕެއިން އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސުލްގެ މަޤާމް އަދާކުރައްވާ ފުރަތަމަ ބޭފުޅާ ކަމަށް ވާއިރު، ކޮވިޑް-19އިގެ ދުވަސް ވަރު އޭނާ އެ މަޤާމަށް އައްޔަން ކުރެވުމަކީ ދެ ޤައުމަށް ވެސް ފަހި ކަމަކަށް ވެެގެން ދިޔަ ކަމަށް އިބްތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.
" އެ ދުވަސް ވަރު ތާށިވެފައި ތިބި މީހުންނަށް އެހީވުމުގައި ވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ." އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވަނީ މަތީ މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް މަސައްކަތް ކުރުމަށް ބާރު އަޅުއްވާފައެވެ.