ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 10:57
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމާ
މެކްރޮންގެ ކޯލެއް ޕެޒެޝްކިއާން އަށް، އެދިލެއްވީ މަޝްވަރާ ކުރުމަށް
ހަނގުރާމައިގެ ސަބަބުން އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ނުރައްކާތަކުން ސަލާމަތްވުމުގެ މަގެއް އޮތް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފައި.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ މަޝްވަރާ ކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު މެކްރޮން ވަނީ ފޯނުން ގުޅުއްވައި ޕެޒެޝްކިއާންއާ މަޝްވަރާ ކުރައްވައިފަ އެވެ. އެ ފޯނު ކޯލުގައި މެކްރޮން ވިދާޅުވެފައި ވަނީ، އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި އީރާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. 

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، ދެ ޤައުމުގެ ދެ މެދުގައި އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަކަމާ ގުޅިގެން މެދު އިރުމަތީގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމަޓުން ވަނީ ޖެނީވާގައި އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. 

ޕެޒެޝްކިއާންއާ ދެއްކެވި ވާހަކައިގައި މެކްރޮން ވަނީ މިހާރު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަން ފާހަގަ ކޮށްފަ އެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ނުރައްކާތަކުން ސަލާމަތްވުމުގެ މަގެއް އޮތް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވެފައި ވަނީ، އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އީރާންގެ ނިއުކްްލިއާ ޕްރޮގްރާމަކީ އަމާން އަދި ރައްކާތެރި ޕްރޮގްރާމެއްކަން ކަށަވަރު ކޮށްދިނުމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެ ފޯނު ކޯލުގައި އީރާންގެ ރައީސް ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށާއި، އެކަމާ ގުޅޭ ގޮތުން އިތުބާރު އުފެއްދުމަށް އެއްބާރުލުން ދިނުމަށް ވެސް ތައްރާރަށް ތިބި ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ޙާލަތެއްގައި އީރާންގެ ނިއުކްލިއާ ޙަރަކާތްތައް މުޅިން ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން، އިސްރާއީލް އިން އިސްވެ އީރާނަށް ދިން އަނިޔާވެރި ޙަމަލާތަކަށް، އީރާނުން ހަރުކަށި ޖަވާބު ދޭނެ ކަމުގެ އިންޒާރު ވެސް ޕެޒެޝްކިއާން ވަނީ ދެއްްވައިފަ އެވެ. 

ހަމަ އެހެންމެ މެކްރޯން ވަނީ، 2022 ވަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރު ކޮށްފައިވާ ފްރާންސްގެ ދެ ރައްޔިތުން ކަމަށްވާ، ސެސިލް ކޯލަރ އަދި ޖެކްސް ޕެރިސް ދޫކޮށްލުމަށް ވެސް އެދިފަ އެވެ.

- ކޮމެންޓް