Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 13:06
ފްރާންސްގެ ރައީސް އިމަނުއެލް އަދި އޭނާގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް އަދި އޭނާގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮން
ރޮއިޓަރސް
ފްރާންސް
މެކްރޮންގެ އަނބިކަނބަލުންނަކީ ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރި މީހުންގެ ޝަރީއަތް ފަށައިފި
މި މައްސަލައިގައި ހިމެނޭ އުމުރުން 51 އަހަރުގެ ޑެލްފިން ޖޭ އަކީ، އޭނާގެ އަމިއްލަ ނަފުސަށް ރޫހާނީ ބާރުވެރިކަމެއް ލިބިފައިވާ ކަމަށް މީގެ ކުރިން ބުނެފައިވާ މީހެކެވެ. އޭނާ ވަނީ، ބްރިޖިޓް އަކީ ފިރިހެނެއްގެ ގޮތުގައި ހުރި މީހެއް ކަމަށް ބުނެ، ހަތަރު ގަޑިއިރުގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގެ ޔޫޓިއުބުގައި ޝާއިއު ކޮށްފަ އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އަނބިކަނބަލުން ބްރިޖިޓް މެކްރޮން އަށް އިންޓަނެޓު މެދުވެރިކޮށް ފުރައްސާރަކޮށް، އެކަމަނާގެ ޖިންސާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރާފައިވަ 10 މީހުންގެ ޝަރީއަތް ފަށައިފި އެވެ.

ހޯމަ ދުވަހު އެ މީހުންގެ ޝަރީއަތްތައް ފަށާފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަނީ ޕެރިހުގައި ހުންނަ ކޯޓަކުންނެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ 41 އަހަރާއި 60 އަހަރާ ދެމެދުގެ އަށް ފިރިހެނުންނާއި، ދެ އަންހެނުންގެ މައްޗަށެވެ. މި މީހުންނާ ދެކޮޅަށް މި މައްސަލަ ސާބިތު ވެއްޖެ ނަމަ، ގިނަ ވެގެން ދެ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

ދައުވާގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ، ދައުވާ ލިބޭ ފަރާތްތަކުން ފްރާންސްގެ ފަސްޓް ލޭޑީ ބްރިޖިޓް މެކްރޮންގެ ޖިންސާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރައި، އެކަމަށް މަލާމަތް ރައްދުވާ ގޮތަށް ނުރަނގަޅު އެތައް ކޮމެންޓެއް ކޮށްފައިވާ ކަމަށެވެ. އަދި ބްރިޖިޓް އާއި މެކްރޮންއާ ދެމެދު 24 އަހަރުގެ ފަރަގެއް ހުރި ކަމަށާއި، އެކަމަށް އިޝާރާތްކޮށް އެކަމަނާ ވަނީ "ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް" ކަމަށް ވެސް ދައުވާ ރައްދުވާ ފަރާތްތަކުންް ބުނެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެކަކީ "ޒޯއީ ސަގަން"ގެ ނަމުގައި ސޯޝަލް މީޑިއާގައި މަޝްހޫރު، އުމުރުން 41 އަހަރުގެ އޯރެލިއަން ޕޮއިސަން އެޓްލަން އެވެ. އެނާ އަކީ ގޮތް ނޭނގޭ އެކި ދިމަ ދިމާލުގައި ޙަރަކާތްތެރިވާ މީހެއް ކަމަށާއި، ބައެއް ނުފޫޒު ގަދަ މީހުންނާ ގުޅުން އޮންނަ މީހެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ އުމުރުން 51 އަހަރުގެ ޑެލްފިން ޖޭ އަކީ، އޭނާގެ އަމިއްލަ ނަފުސަށް ރޫހާނީ ބާރުވެރިކަމެއް ލިބިފައިވާ ކަމަށް މީގެ ކުރިން ބުނެފައިވާ މީހެކެވެ. އޭނާ ވަނީ، ބްރިޖިޓް އަކީ ފިރިހެނެއްގެ ގޮތުގައި ހުރި މީހެއް ކަމަށް ބުނެ، ހަތަރު ގަޑިއިރުގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގެ ޔޫޓިއުބުގައި ޝާއިއު ކޮށްފަ އެވެ. 2021 ވަނަ އަހަރު އޭނާ އެ ވީޑިއޯ ޝާއިއު ކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ބްރިޖިޓް ވަނީ 2022 ވަނަ އަހަރު ދައުވާ ކޮށްފަ އެވެ.

މީގެ އިތުރުން މެކްރޮން އާއި އޭނާގެ އަނބިކަނބަލުން ބްރިޖިޓް ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާގެ ޕޮޑްކާސްޓަރު ކެންޑަަސް އޯވެންސްއަ ދެކޮޅަށް ވެސް ދައުވާ ކޮށްފަ އެވެ. އެއީ އޭނާ "ބިކަމިންް ބްރިޖިޓް"ގެ ނަމުގައި ސިލްސިލާއެއް ހަދައި، ބްރިޖިޓް އަކީ ފިރިހެނެއްގެ ގޮތުގައި އުފަންވެފައިވާ މީހެއް ކަމަށް ބުނެ ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

ފްރާންސްގެ ފަސްޓް ލޭޑީ ބްރިޖިޓް އަށް ނިސްބަތް ކޮށް މި ފަދަ ދޮގު ވާހަކަ ތަކެއް ބަޔަކު ދައްކަމުން އަންނައިރު، މީގެ ކުރިން ބައެއް އެހެން ރައީސުންގެ އަނބިކަނބަލުންނަށް އަމާޒުކޮށް ވެސް އެ ފަދަ ވާހަކަތައް ވަނީ ދައްކައިފަ އެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަަރަކް އޮބާމާގެ އަނބިކަނބަލުން މެޝަލް އޮބާމާ އާއި، އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި، ނިއު ޒިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ޖެސިންޑާ އާޑަން ފަދަ އަންހެން ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ވެސް ވަނީ އެ ފަދަ ވާހަކަތައް ފަތުރައި، ފުރައްސާރަ ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް