Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 11:08
އެމެރިކާގެ ރައީސް ޓްރަމްޕް، ފަލަސްޠީނުގެ ރައީސް އައްބާސްއާ އެކު
އެމެރިކާގެ ރައީސް ޓްރަމްޕް، ފަލަސްޠީނުގެ ރައީސް އައްބާސްއާ އެކު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އަށް އަހަރަށް ފަހު، ޓްރަމްޕް އާއި އައްބާސް ބައްދަލު ކުރައްވައިފި
ޓްރަމްޕް ވަނީ ކުޑަ ވަގުތު ކޮޅެއް ވަންދެން އައްބާސްއާ ވާހަކަ ދައްކަަވާފައި. ޓްރަމްޕް އާއި އައްބާސް ސަލާމް ކުރައްވާފައިވާއިރު، ޓްރަމްޕް ވަނީ އަތުން އިޝާރާތް ކުރައްވައި އައްބާސްއާ އެކު ފޮޓޯއެއް ވެސް ނަންގަވާފައި. މިއީ ސަމިޓުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ކަމެއް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސްއާ ބައްދަލު ކުރައްވައިފި އެވެ.

ޓްރަމްޕް އާއި އައްބާސް ބައްދަލު ކުރައްވާފައި ވަނީ ޣައްޒާގެ ސުލްޙައާ ގުޅޭ ގޮތުންް މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށް ގެންދިޔަ ސަމިޓުގެ ތެރެެއިންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި އެ ސަމިޓުގައި އައްބާސް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިއީ އަށް އަހަރަށް ފަހު، ޓްރަމްޕް އާއި އައްބާސް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ސްޓޭޖުގައި ޓްރަމްޕް ހުންނަވަނިކޮށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އައްބާސްގެ އަތުގައި ހިއްޕަވައިގެން ޓްރަމްޕްއާ ހަމައަށް ގެންދަވައިފަ އެވެ.

އެއާއެކު ޓްރަމްޕް ވަނީ ކުޑަ ވަގުތު ކޮޅެއް ވަންދެން އައްބާސްއާ ވާހަކަ ދައްކަަވައިފަ އެވެ. ޓްރަމްޕް އާއި އައްބާސް ސަލާމް ކުރައްވާފައިވާއިރު، ޓްރަމްޕް ވަނީ އަތުން އިޝާރާތް ކުރައްވައި އައްބާސްއާ އެކު ފޮޓޯއެއް ވެސް ނަންގަވައިފަ އެވެ. މިއީ ސަމިޓުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ކަމެކެވެ.

ޓްރަމްޕް އާއި އައްބާސް ބައްދަލު ކުރައްވާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައި ގަތުމަށް އައްބާސް ވަނީ އެމެރިކާ އަށް ދަތުރު ކުރަން މަސައްކަތް ކުރައްވައިފަ އެވެ.

ގިނަ ޤައުމު ތަކަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން އޮތް އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާ އަށް ދަތުރު ކުރަން ބޭނުންވާ ވިސާ އައްބާސް އަށް ހަމަޖެއްސުމަށް އެމެރިކާ އިން ވަނީ އިންކާރު ކޮށްފަ އެވެ. އައްބާސް އާއި ފަލަސްޠީނުގެ ވަފުދަށް އެމެރިކާ އިން ވިސާ ނުދިނުމުގެ ސަބަބުން، އދ ގައި އައްބާސް ވާހަކަ ދައްކަވާފައި ވަނީ ވީޑިއޯ މެދުވެރިކޮށެވެ.

މީގެ ކުރިން ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް އޭނާ ވަނީ އައްބާސްއަ ބައްދަލު ކުރައްވައިފަ އެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރަމްޕް އައްބާސްއާ ބައްދަލު ކުރެއްވިއިރު، އެ ބައްދަލުވުމުގައި ވެސް ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

މިޞްރުގައި ކުރިއަށް ގެންދިޔަ ސަމިޓުގައި ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، ލީޑަރުން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް