ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 09:51
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން، އޯއައިސީގެ ބައްދަލުވުމުގައި
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން، އޯއައިސީގެ ބައްދަލުވުމުގައި
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އުރުދުޣާން ގޮވާާލެއްވީ އީރާން އިން އަލުން މަޝްވަރާތައް ފެށުމަށް
އީރާނާއި އެމެރިކާއާ ދެމެދު އަލުން ފެށުމަށް އުރުދުޣާން ގޮވާލައްވާފައިވާއިރު، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ތުރުކީން އޮތީ ތައްޔާރަށް ކަމަށް ވެސް އުރުދުޣާން ވިދާޅުވެފައިވޭ.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ޙާލަތު ބޮޑުވެފައިވާއިރު، އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވާރަތައް އަލުން ފެށުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ގޮވާލައްވައިފި އެވެ.

ތުރުކީގެ ވެރި ރަށް އިސްތަންބޫލުގައި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ، އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އަލުން މަޝްވަރާތައް ފެށުމަކީ އެންމެ ރަނގަޅު ޙައްލު ކަމަށެވެ. 

އޯއައިސީގެ ބައްދަލުވުމުގެ ތެރެއިން އުރުދުޣާން ވަނީ އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އުރުދުޣާންގެ އަރިހުގައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޯއައިސީގެ ބައްދަލުވުމާ ގުޅޭ ގޮތުން ތުރުކީގެ ރިޔާސީ ގަނޑުވަރުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އިސްރާއީލް އިން މިހާރު އީރާނާ ދެކޮޅަށް ހިންގަމުން އަންނަ އަމަލުތައް ވަގުތު ހުއްޓާލުމަށް ވެސް އުރުދުޣާން ވަނީ ގޮވާލައްވައިފަ އެވެ. 

މީގެ އިތުރުން ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އީރާނާއި އެމެރިކާއާ ދެމެދު އަލުން ފެށުމަށް އުރުދުޣާން ގޮވާލައްވާފައިވާއިރު، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ތުރުކީން އޮތީ ތައްޔާރަށް ކަމަށް ވެސް އުރުދުޣާން ވިދާޅުވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

އިތުރަށް އެ ބައްދަލުވުމުގައި އުރުދުޣާން ވިދާޅުވެފައި ވަނީ މަޝްވަރާތައް ވީ އެންމެ އަވަހަށް ފަށަން ޖެހޭ ކަމަށާއި، ޓެކްނިކަލް ފެންވަރު އަދި ޤައުމުތަކުގެ ލީޑަރުންގެ ފެންވަރުގައި ވެސް މަޝްވަރާތައް ބާއްވަން ޖެހޭ ކަމަށް އުރުދުޣާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އޯއައިސީގެ އެ ބައްދަލުވުން ބާއްވާފައި ވަނީ، އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، އޭގެ ޖަވާބުގައި އީރާން ވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އަަންނަ ދަނޑިވަޅެއްގަ އެވެ. އޯއައިސީގެ އެ ބައްދަލުވުމުގައި އަރަބި ލީގުގެ 40 އަށް ވުރެ ގިނަ ޑިޕްލޮމަޓުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

- ކޮމެންޓް