އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގޮތުން އެމެރިކާ އާ އެކު މަޝްވަރާ ކުރާނީ އިސްރާއީލުން ދެމުންދާ ޣައިރު ގާނޫނީ ހަމަލާތައް ހުއްޓާލުމުން ކަމުގައި އަނެއްކާ ވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
އީރާނާ އެކު ޔޫރަޕްގެ ޚާރިޖީ ވަޒީރުން ޖެނީވާގައި ބޭއްވި 3 ގަޑިއިރަށްވުރެ ދިގު މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބުނު ނަމަވެސް، ޔޫރަޕުގެ ވަޒީރުން ޤަބޫލުކުރައްވާ ގޮތުގައި އީރާނު އަދިވެސް ވާހަކަ ދައްކަން އޮތީ ތައްޔާރަށެވެ.
އީރާނާ އެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޔޫރަޕުން ބާރު އަޅާފައި ވަނީ އީރާނުން އެމެރިކާ އާއެކު އަލުން މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ.
ބައްދަލުވުމަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ޔޫރަޕުގެ ޤައުމުތަކާއެކު އަލުން ބައްދަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް އެމެރިކާ އާއެކު ޑިޕްލޮމަސީގެ ދާއިރާ އިން މަސައްކަތްކުރުމަށް ވިސްނާނީ އިސްރާއީލުގެ ހަމަލާތައް ހުއްޓާލާއި، އަނިޔާވެރިވި ފަރާތުން ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށްފަހުގައި ކަމަށެވެ.
އެމެރިކާގެ އިސްވެރިންނާއެކު ވޮޝިންގްޓަން ގައި ބައްދަލުވުންތަކެއް ބޭއްވެވުމަށް ފަހު ސީދާ ޖެނީވާ އަށް ވަޑައިގެންނެވި އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ އީރާނުގެ ޚާރިޖީ ވަޒީރަށް ދެންނެވި ކަމަށް ވަނީ އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމުގެ ނުރައްކާ އޮތްކަމާއި، ނަމަވެސް ޑިޕްލޮމަސީގެ ދޮރު އަދިވެސް ހުޅުވިފައި އޮތްކަމަށް ވިދާޅުވިއެވެ.
އެ ފުރުސަތު ހުޅުވިފައި އޮންނާނީ ކިހާ ދުވަހަކަށްކަން ޔަޤީން ކަމާއެކު ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެއެވެ.
ލެމީ އިންޒާރު ދެއްވާފައި ވަނީ މިއީ "ނުރައްކާތެރި ވަގުތެއް" ކަމަށެވެ.
ޔޫރަޕުގެ އިސް ޑިޕްލޮމެޓުންގެ މެސެޖަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ސަރަޙައްދީ ހަމަޖެހުމަށް ދާއިމީ ހައްލެއް ހޯދޭނީ އިތުރު ސިފައިންނާއި އިތުރު ހަމަލާތަކުން ނޫން ކަމަށާއި އެކަން ހާސިލު ކުރެވޭނީ މަޝްވަރާ ކޮށްގެން ވެވޭ އެއްބަސްވުމަކުން ކަމުގައެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ޔޫރަޕުގެ އެކުވެރިންނާއެކު ބޭއްވުނު މަޝްވަރާ ތަކަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެފައި ވަނީ އިސްރާއީލުގެ "އަނިޔާވެރިކަން ހުއްޓުމުން ޑިޕްލޮމަސީއަށް ވިސްނުމަށް" އީރާނު ތައްޔާރަށް އޮތް ކަމަށެވެ.
"އަނިޔާވެރިކަން ހުއްޓި، އަނިޔާވެރިވި ފަރާތް ކުރި ކުށްތަކަށް ޖަވާބުދާރީ ކުރުވުމުން އީރާނު އަލުން ޑިޕްލޮމަސީއަށް ވިސްނުމަށް ތައްޔާރަށް އޮންނާނެ... އަޅުގަނޑުމެން ބްރިޓެން އާއި، ފްރާންސް އާއި، ޖަރުމަން އާއި އަދި ޔޫރަޕިއަން ޔޫނިއަނާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކުރަން. އަދި ކައިރި މުސްތަޤުބަލެއްގައި އަލުން ބައްދަލުކުރުމަށް ތައްޔާރަށް ހުރިކަން ފާޅުކުރަން،" އަރަޤްޗީ ޖެނީވާގެ ހޮޓަލެއްގައި ބޭއްވުނު މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ޔޫރަޕުގެ ބާރުތަކުން އީރާނަށް ގޮވާލާފައި ވަނީ އިސްލާމީ ޖުމްހޫރިއްޔާ އަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތައް "ނިންމުމަށް ނުބަލައި" ނިއުކްލިއަރ މަޝްވަރާތައް ބޭއްވުމަށެވެ.
"އަޅުގަނޑުމެން އީރާނުގެ ވަޒީރަށް ދަޢުވަތު އެރުވީ އެމެރިކާ ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކަކާއެކު މަޝްވަރާތައް ބޭއްވުމަށް ވިސްނުމަށް، ހަމަލާތައް ހުއްޓުމަށް ނުބަލައި. އެހެން ނަމަވެސް އަޅުގަނޑުމެން ވެސް އެދެނީ އެ ހަމަލާތައް ހުއްޓުމަށް،" ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޯއެލް ބެރޯ މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
"ބޭރުގެ ފަރާތްތަކުން ވެރިކަން ބަދަލުކުރަން ބޭނުންވުމަކީ ޚިޔާލީ އަދި ނުރައްކާތެރި ކަމެއް. އެމީހުންގެ ކަންކަން ނިންމުމުގެ ބާރު އޮންނަންވާނީ ރައްޔިތުންނަށް،" ފްރާންސްގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަށް ގެންގުޅޭ ވިސްނުމަށް ފަރަންސޭސިން ދިން ރައްދެއް ކަމަށް ބެލެވެއެވެ.