ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 13:51
ޔޫއެސްއެސް ނިމިޓްޒް މަތިންދާބޯޓު އުފުލާ ބޯޓު، މެދުއިރުމައްޗާ ދިމާއަށް ދަތުރުކުރަމުން ދަނީ
ޔޫއެސްއެސް ނިމިޓްޒް މަތިންދާބޯޓު އުފުލާ ބޯޓު، މެދުއިރުމައްޗާ ދިމާއަށް ދަތުރުކުރަމުން ދަނީ
އީޕީއޭ
އިސްރާއީލް-އީރާން ހަނގުރާމަ
އިރާނަށް ހަމަލާދިނުމަށް އެމެރިކާއިން ރާވާފައިވާ ޕްލޭނަށް ޓްރަމްޕް ހުއްދަ ދެއްވައިފި
ވޮޝިންގްޓަނުން ވަނީ އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް ބަދަލުކުރަން ފަށާފައި

އިރާނަށް ހަމަލާ ދިނުމަށް އެމެރިކާ އިން ރާވާފައިވާ ޕްލޭންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ދެއްވައިފިއެވެ.

ނަމަވެސް އަދިވެސް އެންމެ ފަހުގެ ނިންމުމެއް ނިންމުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން، އޭގެ ތެރޭގައި ބީބީސީގެ އެމެރިކާގެ މީޑިއާ ޕާޓްނަރު ސީބީއެސް ނިއުސް ވެސް ހިމެނޭގޮތަށް، ރިޕޯޓު ކޮށްފައި ވެއެވެ.

ހަމަލާ ދިނުމުގައި އެމެރިކާ އިން ބައިވެރިވާ ސަބަބަކަށް ދައްކަމުން އަންނަނީ އީރާނުގެ ފަރުދޫ އެންރިޗްމަންޓް ސައިޓް ހަލާކު ކޮށްލުމެވެ. އެއީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ވަރަށް މުހިންމު ބިމުގެ އަޑީގައިވާ ފެސިލިޓީއެކެވެ. އެތަން ފަނާކޮށްލުމުގެ ޤާބިލުކަން ލިބިފައިވަނީ ހަމައެކަނި އެމެރިކާއަށް ކަމަށް ޓްރަމަޕް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިކަމުގައި ޓްރަމްޕް ވަނީ މާނަ އޮޅޭ ގޮތައް އެކި ފަހަރު އެކި ގޮތައް ވާހަކަ ދައްކާފައެވެ. "އަހަރެން އެކަން ކޮށްފާނަން، ނުކޮށް ވެސް ފާނަން. އަހަރެން ބޭނުންވަނީ ކޮން ގޮތެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭ،" ޓްރަމްޕް ނޫސްވެރިންނަށް މިކަމާ ބެހޭ ގޮތުން ވިދާޅުވިއެވެ. "އެކަމަކު އަހަރެންނަށް މިވަރު ބުނެވިދާނެ: އިރާނަށް ވަރަށް ގިނަ މައްސަލަ ތަކެއް ވަނީ ދިމާވެފައި އަދި އެމީހުން ބޭނުންވަނީ މަޝްވަރާކުރަން."

އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ ހުކުރު ދުވަހު ޖެނީވާގައި އިނގިރޭސި، ޖަރުމަނު އަދި ފަރަންސޭސި ސަރުކާރުތަކުގެ މަންދޫބުންނާ ބައްދަލު ކުރެއްވުމަށް ރާވާފައިވާ ކަމުގެ ރިޕޯޓުތަކެއް ވެސް ބައެއް މީޑިއާ ތަކުން ގެނެސްފައިވެއެވެ.

އިރާނަށް އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި އެމެރިކާ އިން ބައިވެރިވެދާނެ ކަމުގެ ލަފާކުރުންތައް އިތުރުވަމުން ދާއިރު، ވޮޝިންގްޓަނުން ވަނީ އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް ބަދަލުކުރަން ފަށާފައެވެ.

މިހާރު އެ ސަރަޙައްދުގައި ގާތްގަނޑަކަށް 40,000 އެމެރިކާ ސިފައިން ތިބިކަމަށް އެމެރިކާގެ އޮފިޝަލެއް މި މަހުގެ ކުރީކޮޅު ބުނެފައިވެއެވެ.

މަދުވެގެން އެމެރިކާގެ 30 އަސްކަރީ މަތިންދާބޯޓު ވަނީ ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އަސްކަރީ ބޭސްތަކުން ޔޫރަޕަށް ބަދަލުކޮށްފައެވެ. މި ބޯޓުތަކަކީ އަސްކަރީ ޓޭންކަރު މަތިންދާބޯޓުތަކެވެ. އެއީ ފައިޓަރ ޖެޓްތަކަށް ތެޔޮ އަޅައިދިނުމަށް ބޭނުންކުރާ ބޯޓުތަކެވެ.

ޔޫއެސްއެސް ނިމިޓްޒް އެއަރކްރާފްޓް ކެރިއަރ ދަނީ ދެކުނު ޗައިނާ ކަނޑުން މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ. އޭގެ އިތުރުން ގައިޑެޑް މިސައިލް ޑިސްޓްރޯޔަރު ތަކެއް ވެސް އެ ކެރިއަރާއެކު ދަތުރު ކުރަމުން ދެއެވެ. އެހެން ހަނގުރާމަ މަތީ އުޅަނދުތަކެއް ވަނީ އޮމާން ކަނޑާއި ޕަރޝިއަން ގަލްފުގައި ބަނދަރުކޮށްފައެވެ. މި އުޅނަދުތަކުން މިހާރުވެސް އިސްރާއީލަށް އެހީތެރިވެދީ އިރާނުގެ މިސައިލްތައް ވައްޓާލުމުގައި ބައިވެރިވެފައިވެއެވެ.

ވޮޝިންގްޓަނުން ވަނީ އެފް-16، އެފް-22 އަދި އެފް-35 ފައިޓަރ ޖެޓްތައްވެސް މެދުއިރުމަތީގެ އަސްކަރީ ބޭސްތަކަށް ބަދަލުކޮށްފައިވާ ކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

- ކޮމެންޓް