އީރާނުން ބުރާސްފަތި ދުވަހު ހެނދުނު އިސްރާއީލަށް ދިން ވަރުގަދަ މިސަލައިލް ހަމަލާ އާ ގުޅިގެން އީރާނުން "ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
"މިއަދު ހެނދުނު، އީރާނުގެ ޓެރަރިސްޓް ޑިކްޓޭޓަރުން ބެއަރ ޝޭވާ ގައި ހުރި ސޮރޯކާ ހޮސްޕިޓަލަށާއި އަދި ޤައުމުގެ މެދުތެރޭގައި ތިބި އާންމު ރައްޔިތުންނަށް މިސައިލް ހަމަލާ ދީފިއެވެ. އަހަރެމެން ތެހެރާންގައި ތިބި އަނިޔާވެރިން ލައްވާ ބޮޑު އަގެއް ދައްކުވާނަމެވެ،" ނަތަންޔާހޫ އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވިއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވެފައިވަނީ، އިސްރާއީލުގައި ހުރި ހޮސްޕިޓަލަކަށް އީރާނުން ފޮނުވާލި މިސައިލާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚަމަނާއީ "ޒިންމާ އުފުލަން ޖެހޭނެ" ކަމަށެވެ. އަދި އީރާނަށް ދެކޮޅަށް ދޭ ހަމަލާތައް "ވަރުގަދަ ކުރުމަށް" ސިފައިންނަށް އަމުރު ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ އެންމެ ނުރައްކާތެރި ހަނގުރާމައިގެ ކުށްތަކުގެ ތެރެއިން ކުށެކެވެ - އަދި ޚަމާނާއީ އޭނާގެ ޢަމަލުތަކަށް ޒިންމާ އުފުލަން ޖެހޭނެއެވެ،" އިސްރާއީލް ކަޓްޒް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ، "އަހުރެންނާއި ބޮޑުވަޒީރު އީރާނުގައި ހުރި މުހިންމު ތަންތަނަށާއި ތެހެރާންގެ ކަރަންޓުގެ ވިއުގައަށް ހަމަލާދިނުން ވަރުގަދަ ކުރުމަށް، ސިފައިންނަށް އަމުރުކޮށްފީމެވެ. އެއީ އިސްރާއީލަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށާއި އާޔަތުﷲ ގެ ވެރިކަމަށް ލޮޅުން އެރުވުމަށެވެ."