ކ. މާލެ
|
18 ޖޫން 2025 | ބުދަ 16:48
ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ
ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ
އޭޕީ
އިސްރާއީލް-އީރާން ހަނގުރާމަ
އިރާނުން ދުވަހަކު ވެސް އަމާނެއް ނުދޭނަން، އިސްރާއީލުގެ ވެރިންނަށް ރަހުމެއް ވެސް ނުބަހައްޓާނަން: ޚާމަނާއީ
އަންގާރަ ދުވަހު ޓްރަމްޕް ގޮވާލައްވާފައި ވަނީ އީރާނުން އެއްވެސް "ޝަރުތެއް ނެތި އަމާން ދިނުމަށެވެ."

އީރާނުން އަމާން ނުދޭނެ ކަމަށާއި، ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ދޭނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ ވިދާޅުވެއްޖެއެވެ،

އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚަމަނާއި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތަށް އީރާނުން ދުވަހަކު ވެސް އަމާން ނުދޭނެ ކަމަށާއި، އޭގެ އިތުރުން އެމެރިކާ އިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ "އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް" ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

"އެމެެރިކާ އަށް އެނގެން ޖެހޭނެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ވާނެކަން،" ޚާމަނާއީ ވިދާޅުވިއެވެ.

ދައުލަތުގެ ޓެލެވިޜަނުން ދެއްކި ޚިޠާބެއްގައި ޚާމަނާއީ އިތުރަށް ވިދާޅުވެފައި ވަނީ، އެއްވެސް ގައުމަކަށް ގަދަކަމުން އީރާނު ބޯ ނުލެންބުވޭނެ ކަމަށެވެ.

އޭގެ އިތުރުން އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚަމަނާއި ބުދަ ދުވަހު ވިދާޅުވީ، އިސްރާއީލުގެ ވެރިންނަށް އެއްވެސް ރަޙުމެއް ނުބަހައްޓަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓެރަރިސްޓް ޒަޔަނިސްޓް ވެރިކަމަށް ވަރުގަދަ ޖަވާބެއް ދޭންޖެހޭ. އަޅުގަނޑުމެން ޒަޔަނިސްޓުންނަށް އެއްވެސް ރަޙުމެއް ނުބަހައްޓާނަން،" ޚާމަނާއި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އިސްރާއީލުން ފާއިތުވި ހަފްތާގައި ވަނީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުން މިކަމަށް ބަދަލު ހިފަމުން ދަނީ މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެން ދޭ ހަމަލާތަކެއްގައެވެ. މިގޮތުން އެތައް ބުރަކަށް އިސްރާއީލަށް ހަމަލާ ދީފައިވާއިރު ބުދަ ދުވަހުގެ ފަތިހު އީރާނުން ވަނީ ފުރަތަމަ ފަހަރަށް ހައިޕަރސޮނިކް މިސައިލް ހަމަލާ އެއް ދީފައެވެ.

އަންގާރަ ދުވަހު ޓްރަމްޕް ގޮވާލައްވާފައި ވަނީ އީރާނުން އެއްވެސް "ޝަރުތެއް ނެތި އަމާން ދިނުމަށެވެ."

އަދި އެމެރިކާ އަށް ފަސޭހަ ކަމާއެކު ޚާމަނާއީ އަވަހާރަ ކޮށްލެވި ދާނެ ކަމަށް ބޮޑާ ކަމާއެކު އެކު ޓްރަމްޕް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް