އިރާނުގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލުގެ ފަސްވަނަ ޖީލުގެ އެފް-35 ޖެޓެއް އަނެއްކާ ވެސް ވައްޓާލައިފިއެވެ.
އިރާނުގެ ސިފައިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައި އިސްރާއީލު ސިފައިންގެ އެފް-35 ހަނގުރާމަމަތީ ޖެޓެއް ވައްޓާލުމަށް އީރާނު ސިފައިންގެ ވައިގެ ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ހަމަލާދީ ނައްތާލާފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން، ޕައިލެޓަށް ވީ ގޮތް އަދި އެނގިފައިނުވާ ކަމަށާއި، މިހާރު އެކަން ތަޙުޤީޤުކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ފަހުން ހާމަކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ހުކުރު ދުވަހު އިރާނުގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލުގެ އެފް-35 ދެ ޖެޓާއި އެތައް ޑްރޯނެއް ވައްޓާލި ކަމަށް ވަނީ ބުނެފައެވެ.
އީރާނަށް ހުކުރު ދުވަހުގެ ފަތިހު ދިން ޢުދުވާނީ ހަމަލާގައި، އެންމެ ޒަމާނީ މި ބާވަތުގެ މަތިންދާބޯޓުތައް ބޭނުންކުރިއެވެ.
މި ހަމަލާގެ ސަބަބުން އިރާނުގެ މަތީ ފަންތީގެ ސިފައިންގެ އެތައް ވެރިންނަކާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުން ބޭނުންކުރި އެފް-35 ހަނގުރާމަމަތީ ޖެޓުތަކަކީ އެންމެ ޒަމާނީ ޖެޓުތައް ކަމުގައި ބެލެވެއެވެ.
އިސްރާއީލުން މި ޖެޓުތައް ހޯދީ މައިގަނޑު ގޮތެއްގައި އެމެރިކާ އިންނެވެ. އެފް-35 ޖެޓު އުފައްދަނީ އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުންޏެއްޏެއް ކަމަށްވާ ލޮކްހީޑް މާޓިން އިންނެވެ. އެމެރިކާއިން މި އެންމެ ޒަމާނީ ފަސްވަނަ ޖީލުގެ ސްޓެލްތް ހަނގުރާމަ ޖެޓު ބޭނުންކުރުމުގެ ހުއްދަދީފައިވާ މަދު ޤައުމުތަކުގެ ތެރޭގައި އިސްރާއީލު ހިމެނެއެވެ.
އެމެރިކާގެ ބޭރު ޤައުމުތަކަށް އަސްކަރީ ތަކެތި ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދީފައިވާ މި ޖެޓުތަކުގެ ފުރަތަމަ ބެޗް އިސްރާއީލަށް ލިބުނީ 2016 ވަނަ އަހަރު ހިސާބުގައެވެ.