އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ އެއް ދީފި ނަމަ ހައިރާން ކުރުވާފަދަ ރައްދެއް ދޭނެ ކަމަށް އިރާނުގެ އިސް ސަލާމަތީ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.އިރާނުގެ އިސް ސަލާމަތީ އޮފިޝަލަކު ވިދާޅުވެފައިވަނީ އެ ޤައުމު މިހާރު ވަނީ "އެންމެ މަތީ ދަރަޖައިގެ ސިފައިންގެ ތައްޔާރީ" ހާލަތުގައި ކަމަށާއި، އެމެރިކާ ނުވަތަ އިސްރާއީލުން އެއްވެސް ހަމަލާއެއް ދޭން އުޅެފިނަމަ ހައިރާންވާފަދަ ޖަވާބެއް ދެވޭނެ ކަމަށެވެ.ނަން ހާމަނުކުރުމަށް ޝަރުތުކޮށް އިރާނުގެ ޕްރެސް ޓީވީ އަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، މި ސަރަހައްދުގައި އެމެރިކާގެ ސިފައިން އަލުން އެތުރެމުން ދަނީ އިރާނުން ދީފައިވާ އިންޒާރުތަކަށް ދޭ ރައްދެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެމެރިކާ އިން އިސްވެ އީރާނަށް ހަމަލާ ދޭން ކުރާ ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.މި ބަޔާންތައް އައިސްފައިވަނީ އެމެރިކާ އިން ހުޅަނގު އޭޝިއާ ސަރަހައްދުން އެ ޤައުމުގެ މިޝަންތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އަނބުރާ އެމެރިކާ އަށް ގެންދަން ފަށާފައިވަނިކޮށެވެ. ބުދަ ދުވަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބަޣްދާދުގައި ހުރި އެމްބަސީން ކޮންމެހެން މުހިންމު ނޫން މުވައްޒަފުން ފުރުވާލުމަށެވެ.
އޭގެ އިތުރުން، ބަހްރެއިން، ކުވެއިތު އަދި ޔޫއޭއީ ގައި ހުރި އަސްކަރީ ބޭސްތަކުން ސިފައިން ނޫން އެހެން މީހުން އަމިއްލައަށް ފުރުމަށް ލަފާދީފައެވެ.އިރާނުގެ ސަލާމަތީ އޮފިޝަލް ވިދާޅުވެފައި ވަނީ އިރާނަށް ލިބިފައިވާ އިސްރާއީލުގެ ސިއްރު ޖާސޫސީ މައުލޫމާތުން "އެމެރިކާ އަދި އިސްރާއީލުގެ އަމާޒުތަކާ ބެހޭ އެންމެ މަތީ ފެންވަރުގެ މަޢުލޫމާތު" ލިބިފައިވާ ކަމަށެވެ.އިރާނާއި އެމެރިކާ ވަނީ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ފަސް ބުރެއްގެ ނުސީދާ މަޝްވަރާތައް ބާއްވާފައެވެ. އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެފައިވަނީ ދެން އޮތް ބުރު އޮމާނުގެ ވެރިރަށް މަސްކަޓުގައި އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަޝްވަރާތައް ކާމިޔާބު ނުވެއްޖެ ނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްްޑް ޓްރަމްޕް އެތައް ފަހަރަކު ދެއްވާފައިވެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އިން ހޯމަ ދުވަހު ބުނެފައިވަނީ އީރާނަށް ހަމަލާ އެއް ދީފިނަމަ އިސްރާއީލުގެ ނިއުކްލިއަރ ފެސިލިޓީ ތަކަށް ހަމަލާ ދޭނެ ކަމަށެވެ.