އޮސްޓްރޭލިއާ އިން ރާއްޖެ އަށް ދަތުރުކުރުމުގައި ޓެރަރިޒަމްގެ ނުރައްކަލާއި މަދަނީ ހަމަނުޖެހުމުގެ ނުރައްކާ އޮތް ކަމަށް ބުނެ އިންޒާރެއް ނެރެފިއެވެ.
އޮސްޓްރޭލިއާގެ ސްމާޓްޓްރެވެލަރ އިން ދިވެހިރާއްޖެ އަށް ދަތުރުކުރުމާ ގުޅޭ އިންޒާރު އަޕްޑޭޓްކޮށްފައި ވާއިރު އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީފެޓް) އިން އޮސްޓްރޭލިއާގެ ރައްޔިތުންނަށް އަންގާފައިވަނީ ރާއްޖެ އަށް ޒިޔާރަތްކުރާއިރު "ވަރަށް ބޮޑަށް ފަރުވާތެރިވުމަށް" އިލްތިމާސް ކުރާ ކަމަށެވެ.
ދަތުރު ކުރުމުގެ އެޑްވައިޒަރީ އަޕްޑޭޓް ކުރި އިރު ރަސްމީ ނުރައްކަލުގެ ލެވެލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވިނަމަވެސް، އެންމެ ފަހުން ނެރެފައިވާ އަޕްޑޭޓުގައި މަދަނީ ހަމަނުޖެހުމާއި، މުޒާހަރާތަކާއި، އަދި ޚާއްޞަކޮށް މާލެ ފަދަ ރިސޯޓު ނޫން ސަރަޙައްދުތަކުގައި ޓެރަރިސްޓް ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު އޮތްކަމުގެ ކަންބޮޑުވުން ފާހަގަ ކޮށްފައި ވެއެވެ.
5 ޖޫން 2025 ގައި ނެރެފައިވާ މި އަޕްޑޭޓްގެ ޚަބަރު ބައިނަލް އަގްވާމީ މީޑިއާ ގައި ދައުރުވަމުން ދާއިރު ބައެއް ޚަބަރުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކުގައި ހަމަނުޖެހުން ހިނގާފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
2023 ވަނަ އަހަރު 34،000 އަށްވުރެ ގިނަ އޮސްޓްރޭލިއާގެ ރައްޔިތުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވެއެވެ.
ދިވެހިރާއްޖެ އަށް ދަތުރުކުރުމާ ގުޅޭ އިންޒާރުގައި، ފަތުރުވެރިން މުޒާހަރާތައް ހިނގާ ސަރަޙައްދުތަކުން ދުރުހެލިވުމަށް އިރުޝާދު ދީފައިވެއެވެ.
ޑީފެޓް އިން ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ ވެރިރަށް މާލެ އާއި މާލެ ސަރަޙައްދަކީ ހަމަނުޖެހުން އުފެދުމުގެ ފުރުޞަތު އޮތް ހޮޓްސްޕޮޓެއްގެ ގޮތުގައެވެ.
"މަދަނީ ހަމަނުޖެހުމާއި ޓެރަރިޒަމްގެ ނުރައްކާ އޮތުމުގެ ސަބަބުން ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ފަރުވާތެރިވާށެވެ،" ސްމާޓްޓްރެވެލަރ އިން ބުނެފައިވެއެވެ.
"އާންމު މުޒާހަރާތައް ހިނގައިފާނެ ކަމަށާއި، އަދި އެފަދަ މުޒާހަރާތައް އަނިޔާވެރިވެދާނެ ކަމަށާއި މުޒާހަރާތަކުގެ ސަބަބުން އަސަރުކުރާ ސަރަޙައްދުތަކުން ދުރުހެލިވެ، އަދި އިދާރާތަކުގެ އިރުޝާދުތަކަށް ތަބާވުމަށް އެޑްވައިޒަރީގައި ވެއެވެ.
ދިވެހިރާއްޖެ އަށް ދަތުރުކުރުމާ ގުޅޭ އިރުޝާދު އޮތީ ލެވެލް 2 ގައެވެ. އޭގެ މާނަ އަކީ އޮސްޓްރޭލިއާގެ ރައްޔިތުން ރާއްޖެ އަށް މުޅިން ދަތުރު ކުރުން ހުއްޓާލުމަށް ސަރުކާރުން ނުބުނާ ކަމަށާއި، ނަމަވެސް އަމިއްލަ ރައްކާތެރިކަމާއި ރަށްރަށުގައި ހިނގާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާންވާނެ ޖެހޭނެ ކަމެވެ.
މި އެޑްވައިޒަރީގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކާ ބެހޭ ގޮތުން ކަންބޮޑުވާންޖެހޭ ތާރީޚެއް އޮތް ކަމަށާއި އެހެން ކަމުން އަޕްޑޭޓްކޮށްފައިވާ އިންޒާރު ނެރެފައިވަނީ ފަހުގެ އަދި ކުރީގެ ތާރީޚުގައި ހިނގާފައިވާ އެތައް ހާދިސާއެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. މީގެ ތެރޭގައި 2020 އަދި 2021 ގައި ހިނގާފައިވާ ޓެރަރިސްޓް ޙަމަލާތައް ފާހަގަ ކޮށްފައިވެއެވެ.
އެ ގޮތުން 2020 ގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހިނގި ޙަމަލާއެއްގައި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށް ވަޅިން ޙަމަލާދީ، އަދި އިތުރު ދެ ބިދޭސީއަކަށް އަނިޔާވި ކަމަށް ބުނެފައިވެއެވެ.
އަދި 2020 ގެ މާރިޗު މަހު ލ. ގަމުގައި ފުލުހުންގެ ސްޕީޑްބޯޓެއްގައި އަލިފާން ރޯކޮށްލި ކަމަށާއި 2021 ގެ މޭ މަހު މާލޭގައި އަމިއްލަ އަށް އުފައްދާފައިވާ ގޮވާ އެއްޗެއް ގޮއްވާލައި، ކުރީގެ ރައީސަކަށާއި އިތުރު މީހުންނަށް އަނިޔާވި ކަމަށް ބުނެފައިވެއެވެ.
މި ހާދިސާތަކުން ދައްކުވައިދެނީ ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށާއި ޓެރަރިޒަމްގެ ޢަމަލުތައް ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް ހިނގައިފާނެ ކަމަށާއި، އަދި ޙަމަލާދޭ ފަރާތްތަކުން އަމާޒުކޮށްފާނެ ތަންތަނުގެ ތެރޭގައި ދަތުރުފަތުރުގެ މަރުކަޒުތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، އަދި ސަގާފީ ތަންތަން ހިމެނިދާނެ ކަމަށެވެ.
ދިވެހިރާއްޖެ އޮތީ ނުރައްކަލުން އެއްކިބާވެފައި ނޫން ކަމަށާއި އެހެން ނަމަވެސް، ދިވެހިރާއްޖެއަށް ދަތުރުކުރުމާ ގުޅޭ އިންޒާރުގައި ރިސޯޓު ރަށްތަކާއި މާލެ ފަދަ އާބާދީ އޮންނަ ސަރަޙައްދުތަކާއި ރިސޯޓު ނޫން ރަށްތަކާ ދެމެދު ތަފާތެއް ކޮށްފައިވެއެވެ.
"ރިސޯޓު ރަށްތަކަކީ އާންމު ގޮތެއްގައި އަމާންކަމާއި ރައްކާތެރިކަން އޮންނަ ތަންތަނެވެ."
ނަމަވެސް، އޮސްޓްރޭލިއާގެ ރައްޔިތުންނަށް އިރުޝާދު ދީފައިވަނީ އެމީހުންގެ އެއަރލައިން ނުވަތަ ދަތުރު އޮޕަރޭޓަރާ ގުޅުން ބަހައްޓަން ޖެހޭނެ ކަމަށެވެ. ޚާއްޞަކޮށް ދަތުރުފަތުރަށް ދަތިވުން ނުވަތަ ސެކިއުރިޓީ ހާލަތަށް ކުއްލި ބަދަލެއް އަތުވެއްޖެ ހާލަތެއްގައި ތައްޔާރުވެ ތިބުމަށް އިރުޝާދު ދީފައިވެއެވެ.
ހަމަނުޖެހުން އުފެދޭ ކަމަށް އެނގިފައިވާ ސަރަޙައްދުތަކުން ދަތުރުވެރިން ދުރުހެލިވެ، ކުއްލިއަކަށް ލިބޭ ޕެކެޖްތައް ނުވަތަ ހުށަހެޅުންތައް ބަލައިނުގަނެ، އަދި ލޯކަލް މީޑިއާތަކަށް އަބަދުވެސް ސަމާލުވާންވާނެ ކަމަށް ބުނެފައިވެއެވެ. ސްމާޓްޓްރެވެލަރއިން އިތުރަށް ފާހަގަކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި އަދި ގޭންގުތަކާ ގުޅުންހުރި އަނިޔާވެރި ޢަމަލުތައް އާބާދީ އޮންނަ ސަރަޙައްދުތަކުގައި ހިނގައިފާނެ ކަމަށެވެ.