އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ބުދަ ދުވަހު އެޗްޕީއޭއިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. އަދި އަޟްހާ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުންދާއިރު، އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ. މަދިރިން ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުމާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުމާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުމާއި އަދި މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެދިފައިވެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައި ވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން ކަމަށެވެ.
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، މިދުވަސްވަރު ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ވެސް ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ބުނީ މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވެމުންދަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ 2025 ވަނަ އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ދަށް ކަމަށެވެ. މިއަހަރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ،ކ، އަދި އއ.އަތޮޅުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު މިދުވަސްވަރު ދަށްވެފައިވީ ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފަދަ މަދަރިން ފެތުރޭ ބަލިތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.