ކ. މާލެ
|
4 ޖޫން 2025 | ބުދަ 13:12
ދިވެހި ހައްޖާޖީން މިނާގައި
ދިވެހި ހައްޖާޖީން މިނާގައި
އިސްލާމިކް މިނިސްޓްރީ
ދިވެހި ހައްޖާޖީން
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
ހައްޖު ކޯޕްރޭޝަންގެ އެޑްވާންސް ޓީމުގެ މަސައްކަތްތައް ވަރަށް ފުރިހަމަ
މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަސް

ދިވެހި ހުރިހާ ހައްޖާޖީން މިނާއަށް ވާސިލްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއިން ހައްޖަށް ދިޔަ 1000 ހާޖީން ވަނީ މިނާ އަށް ވާސިވެފައިވާ ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އަރަފާތަށް ދާން ފުރާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހައްޖު މިޝަންއިން ބުނީ މިނާއެކޭ އެއްފަދައިން އަރަފާތުގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވަމުންދާ ކަމަށެވެ.

އެގޮތުން އަރަފާތުގައި ދިވެހިން ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތައް ޖަހައި ނިމިފައިވާ ކަމަށް ހައްޖު މިޝަންއިން ބުނެއެވެ. އަދި ޓެންޓުތަކުގައި އަންހެނުންނާ ފިރިހެނުން ވަކި ތިބޭއިރު، އޮށޯވެލާ، އަރާމު ކުރަން ބޭނުންވާ ހައްޖާޖީންނަށް އެފުރުސަތު ލިބޭނެ ގޮތަށް ގޮޑިތައް ޖަހާފައިވާ ކަމަށެެވެ.

ހައްޖު ކޯޕްރޭޝަންގެ އެޑްވާންސް ޓީމުގެ މަސައްކަތްތައް ވަރަށް ފުރިހަމަކަން ފާހަގަކޮށް، ހައްޖު މިޝަންއިން ބުނީ ހައްޖާޖީންނަށް ލުއި ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސަމުންދާ ކަމަށާއި، ޓެންޓު ސަރަހައްދުގައި އަމިއްލައަށް އުޅެވޭނެ ގޮތަށް ދިވެހިން ބަހުން ލިޔުންތައް ލިޔެ، ގައިޑްކުރަމުންދާ ކަމަށެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުރުވެ، ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިގެން ގޮސްފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

ހައްޖުގެ އަޅުކަމަށް މިއަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.

- ކޮމެންޓް