ކ. މާލެ
|
4 ޖޫން 2025 | ބުދަ 12:06
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
ރޮއިޓަރސް
އީރާން-އެމެރިކާ
އެމެރިކާގެ ހުށަހެޅުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އީރާނުން ބުނެފި
އަރާގްޗީ ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމުގައި އޮޅުންއަރާ ގިނަ ކަންތައްތަކެއް އަދި ސުވާލު އުފެދޭ ކަންތައްތަކެއް ވެސް ހުރި ކަމަށް، އަދި އޭނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންކަން ސާފު ވެސް ނުވާ ކަމަށެވެ.

އީރާންގެ ޔުރޭނިއަމް އެންރިޗްމަންޓާ ގުޅޭ ގޮތުން އެމެރިކާ އިން ހުށަހަޅާއިވާ އައު ހުށަހެޅުމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

އަރާޤްޗީ ދާދި ފަހުން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު އޭނާ އޮމާން އަށް ކުރެއްވި ކުރު ދަތުރުުފުޅުގައި، އޮމާންގެ ޚާރިޖީ ވަޒީރު ވަނީ އެމެރިކާގެ ހުށަހެޅުން ހިއްސާކޮށްފައި ކަމަށެވެ. އެއީ އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ހުށަހަޅާފައިވާ ކަންކަމެވެ. 

އެކަމާ ގުޅިގެން އަރާޤްޗީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެ ދުވަހު ވިދާޅުވެފައި ވަނީ، އީރާންގެ އުސޫލުތަކާއި، ޤައުމީ މަސްލަހަތާއި، އަދި އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތަކާ އެއް ގޮތްވާ ގޮތުގެ މަތިން އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ޖަވާބު ދޭނެ ކަމަށެވެ.

އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މި މަޝްވަރާތަކުގައި އެމެރިކާގެ އައު ހުށަހެޅުމާ ގުޅޭ ގޮތުން އަންގާރަ ދުވަހު އަރާގްޗީ ވިދާޅުވީ، އެމެރިކާގެ ހުށަހެޅުމުގައި އޮޅުންއަރާ ގިނަ ކަންތައްތަކެއް އަދި ސުވާލު އުފެދޭ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. އަދި އޭނާ ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންކަން ސާފު ވެސް ނުވާ ކަމަށެވެ. 

ނިއުކްލިއާ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް ކުރެވޭ މަޝްވަރާތަކުގައި، ޔޫރޭނިއަމް އެންރިޗްމަންޓަކީ އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ބޮޑަށް ޚިލާފު އުފެދިފައިވާ މައްސަލަ އެވެ. އީރާނުން ދައުވާ ކުރަނީ ސުލްހަވެރި ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ޙައްޤު އެޤައުމަށް ލިބިގެންވާ ކަމަށް ބުނެ އެވެ. ނަމަވެސް އެމެރިކާ އިން ވަނީ، އެއީ "ރަތް ރޮނގެއް" ކަމުގައި ބުނެފަ އެވެ.

އަރާގްޗީ ވިދާޅުވީ އެމެރިކާގެ ހުށަހެޅުމަށް އީރާންގެ އަސާސީ މައުފިގާއި، އެ ޤައުމުގެ ރައްޔިތުންގެ މަސްލަހަތަށް ބިނާކޮށް އެ ޤައުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. 

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ރިޕޯޓެއްގައި ދައްކާ ގޮތުން، އީރާނުން ވަނީ 60 ޕަސެންޓް ސާފުކަން ހުރި ޔޫރޭނިއަމްގެ އުފެއްދުންތެރިކަން އިތުރު ކޮށްފަ އެވެ. މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 ޕަސެންޓާ ކައިރި މިންވަރެކެވެ. 

ހުޅަނގުގެ ޤައުމު ތަކުން، އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނޭ ގޮތަށް، ދިގު މުއްދަތެއް ވަންދެން ތުހުމަތު ކުރަމުން އަންނަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އީރާނުން ދައުވާ ކުރަނީ އެޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.

- ކޮމެންޓް