ކ. މާލެ
|
31 މެއި 2025 | ހޮނިހިރު 10:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު
ގާ އެޅުމާއި ކާސްޓިންގގެ މަސައްކަތްތައް ކުރަން ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި
އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެެއް

ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށް ހާއްސަ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ ރައީސް ނެރުއްވި ޤަރާރަކުންނެވެ.

ރައީސް އޮފީހުން ބުނީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމަށް ކަމަށެވެ.

މީގެއިތުރުން، ރައީސް އުފެއްދެވި ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10/- (ދިހައެއް) ރުފިޔާގެ 10،000،000 (ދިހަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000/- (ސަތޭކަ މިލިޔަން) ރުފިޔާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

- ކޮމެންޓް