މިދުވަސްވަރު ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވެމުންދަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 6 އޭޕްރީލް 2025ން 17 މެއި 2025ށް އަރިދަފުސްރޯގާގެ 43882 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، އިންފްލުއެންޒާގެ 254 ކޭސް އަދި ކޮވިޑް-19ގެ 37 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރު ވެފައިވާއިރު، ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ 2025 ވަނަ އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު 2024 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ދަށް ކަމަށެވެ. މިއަހަރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ،ކ، އަދި އއ.އަތޮޅުން ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު 76 ކޭސް، ފެބްރުއަރީ މަހު 82، މާރިޗު 75، އޭޕްރީލް 127 އަދި މެއި މަހު 86 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު މިދުވަސްވަރު ދަށްވެފައިވީ ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފަދަ މަދަރިން ފެތުރޭ ބަލިތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.