ކ. މާލެ
|
26 މެއި 2025 | ހޯމަ 12:48
އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ގޭންގުތަކުގެ މައްސަލަ
ކުރީ ސަރުކާރުތަކުން ގޭންގުތަކަށް ނުވަތަ އެކަމުގައި އުޅޭ ފަރާތްތަކަށް ދީއްލާލަނީ އަމިއްލަ މަސްލަހަތަށް: ރައީސް މުއިއްޒު
ގޭންގުތަކުގެ މައްސަލަތައް ހައްލު ނުކުރެވިފައި އޮތީ އެ މަސައްކަތް ކުރުމަށް ޕޮލިޓިކަލް ވިލް ނެތިގެން
މި ސަރުކާރުގައި، ގޭންގުތަކުގެ މައްސަލަތައް ހަގީގީ މާނައިގައި ހައްލު ކުރާނެ
މި ސަރުކާރުގައި ޖުޑީޝަރީއަށް ފޯރުވާނެ ނުފޫޒެއް، ފޯރުވި ނުފޫޒެއް ނޯންނާނެ

ކުރީ ސަރުކާރުތަކުން ގޭންގުތަކަށް ނުވަތަ އެކަމުގައި އުޅޭ ފަރާތްތަކަށް ދީއްލާލަނީ އަމިއްލަ މަސްލަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ގޭންގުތަކާ ބެހޭ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ގޭންގުތަކުގެ މައްސަލަތައް ހައްލު ނުކުރެވިފައި އޮތީ އެ މަސައްކަތް ކުރުމަށް ޕޮލިޓިކަލް ވިލް ނެތިގެން ކަމަށާއި، އެނޫން އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ގޭންގުތަކަށް ނުވަތަ އެކަމުގައި އުޅޭ ފަރާތްތަކަށް ދީއްލާލަނީ އަމިއްލަ މަސްލަހަތަށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި، ގޭންގުތަކުގެ މައްސަލަތައް ހަގީގީ މާނައިގައި ހައްލު ކުރާނެ ކަމަށެވެ. މި މަސައްކަތް ކުރާނީ އިހުލާސްތެރިކަމާއެކު ކަމަށާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގޭންގުތަކަށް ނޫނިއްޔާ އެކަމުގައި އުޅޭ ފަރާތްތަކަށް ދީއްލާލަނީ އަމިއްލަ މަސްލަހަތަށް. މިއަދު މިފެނިގެންދަނީ އެކަން ބަދަލުވެފައި. މިސަރުކާރަކުން ނުފެންނާނެ ކުރީގައި ފެނުނުތަނެއް. އަޅުގަނޑު ބޭނުންވަނީ ހަގީގީ މާނައިގައި އިހުލާސްތެރިކަމާއެކު މިގައުމުގައި ހުރި މިކަހަލަ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން. މިކަމުގައި އަޅުގަނޑު ކުރިން ދެންނެވި ގޮތަށް އަޅުގަނޑަށް ބޭނުންވަނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަމެއް ވެއްޖެއްޔާ އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ވިއްޔާ އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި ވަކި މީހެއްގެ މޫނަށް ކަދުރާއަށް ބެލުމެއް ނެތި ދިވެހި ގައުމުގެ ހައްގުގައި މިގައުމުގައި މިހުރި ކަންކަމުގައި އަޅުގަނޑު މިހުރީ ސާބިތުކަންމަތީގައި ކުރިއަށްދާން.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޖުޑިޝަރީ ނިޒާމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ޖުޑީޝަރީއަށް ފޯރުވާނެ ނުފޫޒު، ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އަދުލުގެ ނިޒާމު މިސަރުކާރުން ފުނޑާލާފައިވާ ކަމަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ވިދާޅުވެފައިވެއެވެ. އެއީ މިފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރި މައްސަލައާ ގުޅިގެންނެވެ. އަދި އެ ތަހުގީގު ހިންގި ކޮމިޓީގައި ސީދާ ރައީސް މުއިއްޒު އައްޔަނު ކުރެއްވި ދެ މެންބަރުން ތިއްބެވި އެވެ.

- ކޮމެންޓް