Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 15:46
ހޯމަ ދުވަހު ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
ހޯމަ ދުވަހު ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާ ބިލު
ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި
ކޮމިޓީ ބައްދަލުވުމުގައި ކައުންސިލް ޖެނެރަލްގެ ލަފަޔާއެކު ކިޔާލުމުގެ ފުރުސަތު ވެސް ނުދީ ކޮމިޓީން ވަނީ ބިލު ފާސްކޮށްފަ
މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަމުންދާއިރު ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިން ދުރުކުރަމުންދޭ
ބިލާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ވެސް ވަނީ ދީފަ

ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިހުތިޖާޖު ކުރަމުން ދަނިކޮށް ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ބިލް ކިޔާލުމުގެ ފުރުސަތު ނުދީ ބިލް ކޮމިޓީން ފާސްކޮށްފި އެވެ.

ކައުންސިލް ޖެނެރަލް ދެއްވި ލަފަޔާއި އެކު ބިލް ކިޔާލުމުގެ ފުރުސަތު ނުދީ ކޮމިޓީން ބިލް ފާސްކުރިއިރު، އަންގާރަ ދުވަހު ހަވީރު 4:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ވަނީ އަންގާފަ އެވެ. އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

މީކާއީލް އިހުތިޖާޖު ކުރީ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އައިޝަތު ފިލްޒާ ހުށަހެޅުއްވި ރިކޮމެންޑޭޝަން ކިޔާލަން ދިނުމުގެ ފުރުސަތު ނުދިނުމުންނެވެ. މީކާއީލް ވިދާޅުވަމުންދިޔައީ އެ ވޯޓަކީ "ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ނަގަމުންދާ ވޯޓެއް" ކަމަށެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަންގާރަ ދުވަހު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.

ނޫސްވެރިން އެ ސަރަހައްދުން ބޭރުކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު، ވަރަށް ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފަ އެވެ. ފުލުހުން އަދިވެސް ދަނީ އެ ސަރަހައްދުގައި ތިބި ނޫސްވެރިން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.

- ކޮމެންޓް